އީރާން ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު
އީރާން ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު
އީރާނާއެކު ކުރިއަށްދާ މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ، އެ ގައުމުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ ޚާރްޖް އައިލެންޑް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރައްވާފާނެ ކަމަށް އިޒްރޭލުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ޕާޝިއަން ގަލްފްގައި އޮންނަ މި ރަށަކީ އީރާނުން ބޭރުގެ ގައުމުތަކަށް ތެޔޮ ފޮނުވުމުގައި ބޭނުންކުރާ އެންމެ މުހިންމު ބަނދަރެވެ.

"ޔެދިއޮތް އަހްރޮނޮތް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕް ހަނގުރާމަ ހުއްޓާލުމަށް ބޭނުންފުޅުވި ނަމަވެސް، އެކަން ކާމިޔާބު ނުވެއްޖެ ހާލަތެއްގައި މިފަދަ ފިޔަވަޅެއް އެޅުމަށް މިހާރުވެސް ދަނީ ތައްޔާރުވަމުންނެވެ.

މީގެ އިތުރުން، އިޒްރޭލުން ދަނީ އީރާނުގެ އަސްކަރީ އުފެއްދުންތެރިކަން ކުޑަކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް 1,300 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި އީރާނުގެ އޭރުގެ އެންމެ މަތީ ވެރިޔާ ޚާމަނާއީ ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ޚަބަރުގައިވެއެވެ.

މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވެސް ދަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދެމުންނެވެ. މި ކުރިމަތިލުންތަކުގެ ސަބަބުން ސަރަހައްދީ މަސްލަހަތު ގެއްލި، ދުނިޔޭގެ ތެލުގެ ބާޒާރަށާއި ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު