ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ސުންނީ މުސްލިމުންގެ ހައްގުގައި ވެސް ތެދުވީ އީރާނުން ކަމަށްވާތީ، އެ ގައުމަށް ހިފެހެއްޓުމެއް ނެތް ތާއީދު ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހާމަކުރައްވައިފިއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ އަންނަ މަހު ބާއްވާ ރެފެރަންޑަމާ ގުޅިގެން އެމަނިކުފާނުގެ ޕާޓީން އިސްނަގައިގެން ބޭއްވި "ޗަގޯސް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މުސްލިމުންނާ އެންމެ ދެކޮޅު ބަޔަކީ ސަހްޔޫނީންނެވެ. އަދި މުސްލިމުންގެ ތެރޭގައި ސުންނީންނާއި ޝިއާއީންގެ ނަމުގައި ކުރެވޭ ބަހުސްތަކުގެ ތެރެއަށް ނުވަންނާނެ ކަމަށާއި، ކޮންމެ ހާލަތެއްގައި ވެސް މުސްލިމުންގެ ހައްގުގައި ތެދުވަން ޖެހިލުންވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، އީރާނުން އަރަބި ގައުމުތަކަށް ހަމަލާދޭ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ، އީރާނުން ހަމަލާ ދިނީ އެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި، ސަހްޔޫނީންނާ ދެކޮޅަށް ތެދުވާ ކޮންމެ މީހަކީ މުސްލިމުންނާ އެއްކޮޅަށް ތެދުވާ މީހެއް ކަމުގައި ސިފަކުރެއްވިއެވެ.

އަދި އދ. ގައި ރާއްޖޭގެ ފަރާތުން ސަލްމާ ދެއްކެވި ވާހަކަތަކަށް އަލިއަޅުވާލައްވަމުން، އީރާނަށް އެމެރިކާ އާއި އިސްރޭލުން ދޭ ހަމަލާތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް ވެސް އެމަނިކުފާނު ވަނީ ފާޑުވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު