އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ
އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް އިތުރު އަސްކަރީ ޙަމަލާއެއް ދީފިނަމަ، އޭގެ ނުރައްކާތެރި ނަތީޖާ މުޅި ސަރަޙައްދަށާއި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ކުރިމަތިވާނެކަމުގެ ވަރުގަދަ އިންޒާރެއް އީރާނުން ދީފިއެވެ.

ތެހެރާނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވީ، އީރާނުގެ ވެރިކަން ބަދަލުކުރުމަށް އިސްރާއީލުން ގެންގުޅޭ ނާކާމިޔާބު ތަޞައްވުރުގެ ފަހަތުން އެމެރިކާއިން ދަތުރުކޮށްގެން ނުވާނެ ކަމަށެވެ. އަދި އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިފިނަމަ، އޭގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތެރި ޢަވާޤިބުތަކާއި ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކުގެ ފުންމިނަށް އެމެރިކާ ސަރުކާރުން ރިޢާޔަތްކުރަންޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައަށް އޮތް އެންމެ ޢަމަލީ އަދި ހަރުދަނާ ޙައްލަކީ ހޮރުމުޒް ކަނޑުއޮޅި އެއްކޮށް ހުޅުވާލުމަށް އީރާނުން ހުށަހެޅި ދެ ދުވަހުގެ މަގުޗާޓުކަން ފާހަގަކުރައްވަމުން ބަޤާއީ ވިދާޅުވީ، ހޮރުމުޒް ކަނޑުއޮޅިއާއި ފާރިސީ ކަނޑުއޮޅީގެ ޞުލްޙަމަސަލަސްކަމާއި ސަލާމަތީ ތަޅުދަނޑި އޮތީ ތެހެރާނުގެ ބާރުގެ ދަށުގައި ކަމަށެވެ. އަދި މި ސަރަޙައްދުގެ މަސްރަޙަށް އެދެވޭ ބަދަލެއް އައުން ބިނާވެފައިވަނީ އެމެރިކާއިން ނިންމާ ޒިންމާދާރު ނިންމުންތަކުގެ މައްޗަށް ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، އީރާނާއެކު އެއްގަމުމަގުން ކުރާ ވިޔަފާރި ހުއްޓުވުމަށް އެމެރިކާއިން އަލަށް އެކުލަވާލި "ޓާސްކް ފޯސް އަޔަން ގޭޓް" އާ ގުޅޭގޮތުން ތަރުޖަމާނު ވިދާޅުވީ، މިއީ އެމެރިކާގެ މިޑްޓާމް އިންތިޚާބުގެ ނަތީޖާއިން ޢާންމުންގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުމަށް ރާވާފައިވާ ސިޔާސީ އުކުޅެއް ކަމަށެވެ. މަދަނީ އަދި އަސްކަރީ 20 މުވައްޒަފުންގެ މައްޗަށް އެކުލެވޭ މި ޓާސްކް ފޯސްއަކީ އީރާނުގެ ބަނދަރުތަކުގެ އިތުރުން އަފްޣާނިސްތާން، އަރމީނިއާ، އަޒަރުބައިޖާން، ޢިރާޤު، ޕާކިސްތާން، ތުރުކީ އަދި ތުރުކުމެނިސްތާނާ ގުޅިފައިވާ އެއްގަމު ބޯޑަރުތަކާއި ކެސްޕިއަން ކަނޑުގެ ސަރަޙައްދު ބަންދުކުރުމަށް އަމާޒުކޮށްގެން އަޅާފައިވާ ހުރަހެކެވެ.

އެމެރިކާގެ ސިޔާސީ މަސްރަޙަށް އަލިއަޅުއްވާލައްވަމުން ބަޤާއީ އިތުރަށް ވިދާޅުވީ، އީރާނާ މެދު ގެންގުޅޭ ސިޔާސަތުގައި އެމެރިކާގެ ސިޔާސީ ޕާޓީތަކުގެ މެދުގައި އެއްވެސް ތަފާތެއް ނެތް ކަމަށެވެ. އަދި ވޭތުވެދިޔަ ފަސްދޮޅަސް އަހަރުގެ ތާރީޚަށް ބަލާއިރުވެސް، ދެ ޕާޓީންވެސް މެދުކެނޑުމެއްނެތި ދަމަހައްޓަމުން އައިސްފައިވަނީ އީރާނާ ދެކޮޅުވެރި ސިޔާސަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާއިން ވަނީ، އިސްރާއީލުގެ އުދުވާނީ ސިޔާސަތުތަކަށް ވާގިވެރިވެ އީރާނާ ދެކޮޅަށް އަސްކަރީ ޙަމަލާއެއް ދިނުމަކީ، ސަރަޙައްދީ ހަމަޖެހުމާއި ދުނިޔޭގެ އިޤްތިޞާދު ގަޑުބަޑުކޮށްލުމުގެ އިތުރުން، އަމިއްލައަށް އެމެރިކާގެ މުޖުތަމަޢަށާއި އެ ޤައުމުގެ މުއައްސަސާތަކަށްވެސް އޭގެ ސަބަބުން އިއާދަނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ބުނެ ވަރުގަދައަށް އިންޒާރު ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް