އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް (ފޮޓޯ: އުނގޫފާރު.ކޮމް)
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް (ފޮޓޯ: އުނގޫފާރު.ކޮމް)
މިދިޔަ ސެޕްޓެމްބަރު މަހު 8000 މީހުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތް ހޯދާފައިވާ ކަމަށް އެ ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގެ ސަބަބުން މާލެއަށް އަރައިފޭބުން ކޮންޓްރޯލް ކުރެވިފައި ވުމާއެކު އަތޮޅުތެރޭގެ ރައްޔިތުން ދަނީ ސިއްޙީ ފަރުވާ ހޯދުމަށް އަތޮޅުތެރޭގައި ސަރުކާރުން ޤާއިމްކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލްތަކަށް ޒިޔާރަތްކޮށް އެތަންތަނުން ޚިދުމަތް ހޯދަމުންނެވެ. އެގޮތުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ ސަރުކާރުން އިސްކަމެއް ދީގެން ތަރައްޤީ ކުރަމުން އަންނަ ހޮސްޕިޓަލެކެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސާވިސަސް އިބްރާހީމް ޒަޔާނާ ޙަވާލާދީ "އުނގޫފާރު ޑޮޓް ކޮމް" ގައި ބުނެފައިވަނީ، ސެޕްޓެމްބަރު މަހު އޯޕީޑީގެ ހިދުމަތް ހޯދިމީހުންގެ އަދަދު އަށްހާހަށްވުރެ މަށްޗަށް އަރާކަމަށާއި، އަދި އައިޕީޑީގައި 150 އަށްވުރެ ގިނަ މީހުންނަށް ހިދުމަތް ދީފައިވާ ކަމަށެވެ.



ސެޕްޓެމްބަރު މަހު ނ. ރ. ބ އަދި ޅ އަތޮޅުގެ އިތުރުން އެހެނިހެން އަތޮޅުތަކުން ގިނަބަޔަކު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތް ވަނީ ހޯދާފައެވެ. އެގޮތުން އަރިއަތޮޅުން 800 އެއްހާމީހުންނާއި ކާފުއަތޮޅުން 250 އަދި ށ އަތޮޅުން 150 އަށްވުރެ ގިނަ މީހުން އެ ހޮސްޕިޓަލުން ވަނީ ހިދުމަތް ހޯދާފައެވެ. އަދި ރ އަތޮޅުން ހަތަރު ހާހަށްވުރެ ގިނަ މީހުން ހިދުމަތް ހޯދާފައިވާއިރު އެ ސަރަޙައްދުގެ އަނެއް ތިން އަތޮޅުން 2 ހާހަށްވުރެ ގިނަ މީހުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތް ހޯދާފައިވެއެވެ.

ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ފާއިތުވީ ދެއަހަރު ތެރޭގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންނަވާފައިވާ ތަރައްޤީއަށް ބަލާލާއިރު އެ ހޮސްޕިޓަލްގައި 6 ޕްރައިވެޓް ރޫމް ޢިމާރާތްކޮށް ޚިދުމަތްދޭން ފަށާފައި ވާއިރު، އާ އިކުއެޕްމަންޓާއެކު އީއެންޓީ ކްލިނިކެއް ގާއިމްކޮށް ރިޖިޑް އެންޑަސްކޯޕީ، މައިނާރ އޯރަލް ސާޖަރީ އަދި އޮޓޯ އެންޑަސްކޯޕީފަދަ އާ ހިދުމަތްތައް ވަނީ ތައާރަފްކޮށްފައެވެ. އެ ހޮސްޕިޓަލުގައި ސީޓީ ރޫމެއް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު އެކަމަށް ބޭނުންވާ އިކުއިޕްމަންޓްސްވެސް މިހާރު ވަނީ ގެންގޮސްފައެވެ. އޭގެ އިތުރުން އެންއައިސީޔޫ ޑިޕާޓްމަންޓްގައި ނިއުބޯން ވެންޓިލޭޓަރުގެ ހިދުމަތް ފަށައިފައިވާއިރު އެ ހޮސްޕިޓަލްގައި ޖީންއެކްސްޕާޓް މެޝިނެއް ގާއިމްކޮށް ކޮވިޑާއި ޕީއެސްއޭ ޓެސްޓް އަދި މެލެރިއާ އެންޓިޖަން ޓެސްޓްކުރެވޭގޮތް ވަނީ ހަދައިފައެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފިޒިއޮތޮރޮޕީ ޑިޕާޓްމަންޓްގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ތަކެތިވެސް މިހާރު ވަނީ އެ ހޮސްޕިޓަލަށް ފޮނުވައިފައެވެ. އެ ހޮސްޕިޓަލްގައި 4 އައިސީޔޫ އެނދުގެ އިތުރުން ހޮސްޕިޓަލްގެ ބެޑް ކެޕޭސިޓީ ވަނީ 50 އަށް އިތުރުކޮށްފައެވެ. މިވަގުތު އެ ހޮސްޕިޓަލްގައި ޚިދުމަތުގައި 21 ޑޮކްޓަރުން ތިއްބަވާއިރު 98 ނަރުހުންވެސް ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން ގެންދެއެވެ.

ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދުތައް ފުއްދެވުމަށް އެމަނިކުފާން ކުރަށްވަމުންގެންދަވާ މަސައްކަތްޕުޅު ތަކާމެދު ހިތްހަމަޖެހި އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން އެމަނިކުފާނަށް ޝުކުރުވެރިވަނީ ރައްޔިތުންނާ ގާތުން މިފަދަ ޚިދުމަތްތައް ލިބިދިނުމަށް އިސްކަންދެއްވައިގެން ރައްޔިތުންނަށް ލުއި ފަސޭހަތައް ހޯއްދަވައި ދެއްވަމުން ގެންދަވާތީ ކަމަށް ގިނަ ރައްޔިތުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން