ރާއްޖޭގެ މައިގަނޑު ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހު ބާއްވަންޖެހެނީ އިންތިޚާބަށް ކަޑަޖެހުން ހުއްޓުވައި ޑިކްޓޭޓަރޝިޕް ނައްތާލަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ޒުވާނުންނާއެކު މިރޭ ބޭއްވެވި ބައްދަލުވުމުގައި ދެ އިންތިޚާބު އެއްދުވަހު ބާއްވަން ފެނޭތޯ ބެލުމަށް ނަގާ ރެފަރެންޑަމް އާއި ގުޅުވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރު ޖަވާބުދާރީ ކުރުވާނެ މަޖިލީހެއް ގެންނަން ބޭނުންވާ ނަމަ، ދެ އިންތިޚާބު އެއްކޮށް ބޭއްވުން މުހިންމު ކަމަށެވެ.

"ހުދުމުހުތާރު ކަމާ ޑިކްޓޭޓާޝިޕް ހިންގަން ބޭނުންވާ މީހުން ބޭނުންވާނީ ސުޕަމެޖޯރިޓީ މަޖިލީހުން ހޯދަން. އެއީ އެތަނުގެ ތެރެއިން ސަރުކާރު ޖަވާބުދާރީއެއް ނުކުރަންވެގެން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދެ އިންތިޚާބު ވަކިވަކިން ބާއްވަން ވަކާލާތު ކުރާ ފަރާތްތަކަކީ މީގެ ކުރިންވެސް ރާއްޖޭގައި އޮތް ހުދުމުޚުތާރު ނިޒާމު ދަމަހައްޓަން ބޭނުންވާ ފަރާތްތައް ކަމަށެވެ.ރައީސް ވިދާޅުވީ، ސަރުކާރުގެ ޕާޓީގެ ކެންޑިޑޭޓުން މަޖިލީހަށް ހޮވުމުން ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށް ބުނުމުގެ ބަދަލުގައި، ސަރުކާރު ހޮވޭ ދުވަހު މަޖިލީސް ވެސް އިންތިޚާބު ކުރުމުން، އެ އަންނަނީ ސީދާ ރައްޔިތުންގެ ބާރުވެރިކަން ކަމަށެވެ. އަދި މި ބަދަލަކީ ދައުލަތުގެ ބާރުތަކުގެ މެދުގައި 'ޗެކް އެންޑް ބެލެންސް' ނުވަތަ ފާރަވެރިވުމުގެ ނިޒާމެއް ގާއިމުކުރުމަށް ކުރެވޭ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ތެރޭގައި ޓްރާންސްޕޭރެންސީ (ދެފުށް ފެންނަ މިންވަރު) ވަރުގަދަ ކުރުމަށާއި، އެކައުންޓަބިލިޓީ (ޒިންމާދާރުކުރުވުން) ރަނގަޅު ކުރުމަށްޓަކައި މަޖިލީހަކީ ވީހާވެސް ބޮޑަކަށް ފިކުރުތައް ހަމަހަމައަށް ބެހިފައިވާ ތަނަކަށް ވާންޖެހޭ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، އިންތިޚާބާ ދިމާކޮށް އެކި މަޝްރޫޢުތަކުގެ ބިންގާ އެޅުމާއި "ކަޑަޖެހުމުގެ" ޒަމާން މިހާރު ރައްޔިތުން ބަލައިނުގަންނަ ކަމަށާއި، އެކަމުން ސަލާމަތްވާން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އިޚްލާޞްތެރިންނަށް ފުރުޞަތު ދީގެން، އިންތިޚާބީ ނިޒާމު ބައްޓަންކުރުމަށް ގޮވާލައްވާފައެވެެ.

ދެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަވެ، ސިޔާސީ ހަމަޖެހުން ގާއިމުވުމަށް މަގުފަހިވާނެ ކަމެއްގެ ގޮތުގައި ސަރުކާރުން ދަނީ ފާހަގަކުރަމުންނެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ހުދުމުހުތާރުވުމުގެ ވިސްނުމެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މިއަދު ވަނީ ވިދާޅުވެފައެވެ.

ދެ އިންތިހާބު އެއް ތާރީހެއްގައި ނުވަތަ އެކުގައި ބޭއްވުމަކީ ދައުލަތް ހިންގުމުގައި އިސްކޮށް ތިބޭ މީހުން ޖަވާބުދާރީ ކުރުވުމާ ދުރު ކުރުވުމެކެވެ. ހުދުމުހުތާރުވުމުގެ ވިސްނުމެކެވެ. ގިނަގިނައިން އެ ވެރިން ރައްޔިތުންގެ ގާތަށް އަންނަންޖެހޭ ގޮތަށް ބާއްވަވާށެވެ،" މުނައްވަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށާއި އެއީ ކުރިމަތިވެދާނެ ބޮޑު ނުރައްކަލެއް ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން އަންނަނީ އެ ނިންމުމާ ދެކޮޅަށް ވަރުގަދައަށް ވަކާލާތުކޮށް ކެމްޕޭން ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު