ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް (ކ). އާއި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން (ވ)
ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް (ކ). އާއި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން (ވ)
މާރާމާރީއަކަށްވަނީ ހަމައެކަނި ހަމަލާއެއް ދިނުމުން ނޫން ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލް އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ކޯވިޑް ރެޕިޑް ރެސްޕޯންސް ޓީމުގެ ސާމްޕަލް ނަގާ އޮފިޝަލަކަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން ހަމަލާ ދީފައި ނުވާނެކަމަށްބުނެ އޭނާ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓާއި ގުޅިގެން ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވީ މީހެއްގެ ހުއްދަނެތި ގައިގަ އަތްލުމަކީވެސް ޖިނާއީ ކުށެއް ކަމަށެވެ.

"މާރާމާރީއަކަށްވަނީ ހަމައެކަނި ހަމަލާއެއް ދިނުމުންނެއް ނޫން. މީހެއްގެ ހުއްދަނެތި ގައިގަ އަތްލުމަކީވެސް ޖިނާއީ ކުށެއް." މެމްބަރު އުޝާމް ވިދާޅުވިއެވެ.

އެ ޙާދިސާއާއި ގުޅިގެން "ރަސް އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ އޭނާ ކަރަންޓީނުގެ ސާދަ ދުވަސް ހަމަކުރުމަށްފަހު ޓެސްޓް ހަދަން މާފަންނު މަދަރުސާ އަށް ވަޑައިގެން ކޮވިޑް ޓެސްޓް ހެއްދެވި ކަމަށާއި، ޓެސްޓް ހެއްދެވުމުގެ ތެރޭގައި އެޗްޕީއޭގެ އޮފިޝަލަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އެހެން ނަމަވެސް އެޗްޕީއޭގެ ސާމްޕަލް ނަގާ އޮފިޝަލު އޭނާގެ ސާމްޕަލް ނެގުމަށް ނޭފަތަށް ލެއްވި އެތި ވަރަށް އެތެރެއަށް ލެއްވި ކަމަށާއި، އެވަގުތު ތަދުވެގެން އޮފިޝަލުގެ އަތުގައި ހިފައި ދުރަށް ޖެއްސެވި ކަމަށް އިކްރާމް ވިދާޅުވިއެވެ.

އިކްރާމް އެހެން ވިދާޅުވި ނަމަވެސް އެހާދިސާ ހިނގި އިރު އެތަނުގައި ތިބި ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ މެންބަރު އިކްރާމް އާރްއާރްޓީގެ މެންބަރަށް ދެފަހަރު މަތިން ހަމަލާ ދެއްވި ކަމަށެވެ. "ފޭސް ޝީލްޑާއެކީ މޫނުމަތީގައި ދެފަހަރު ޖެހިތަން ދުށް" ކަމުގައި ޓްވީޓަރގައި މިހާދިސާ ހިއްސާ ކުރެއްވި އާރްއާރްޓީގެ އެހެން މެންބަރަކު ވިދާޅުވެފައި ވެއެވެ. އިކްރާމްގެ މި އަމަލު ކުށްވެރިކޮށް ސިއްހީ ޚިދުމަތްތެރިން ނިސްބަތްވާ ޖަމިއްޔާތަކުން ވެސް ވަނީ ބަޔާން ނެރެ މިމައްސަލަ ތަހުގީގު ކުރުމަށް ގޮވާލާފައެވެ.

މާފަންނު މަދަރުސާގައި ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަން އުޅުމުގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި، މިމައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާކަމަށް އެފަރާތުން ވަނީ ބުނެފައެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް މި އަމަލު ހިންގި މެންބަރު ފުލުހަށް ހާޒިރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމެއް ރަސްމީ ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ކޯވިޑް ޓެސްޓް ކުރަން ސާމްޕަލް ދިނުމަށް ދެކޮޅު ހަދާފަރާތްތަކާއި ކަރަންޓީނަށް ދާން ދެކޮޅު ހަދާ ފަރާތްތަކާއި ކަރަންޓީނުގައި ބެހެއްޓުމަށް ގަވާޢިދާ ޚިލާފަށް އަމަލު ކުރާ ފަރާތްތައް މީގެ ކުރިން ވަނީ ފުލުހުން މެދުވެރިކޮށް ހައްޔަރުކޮށް ކޯޓު އަމުރު ތަކުގެ ދަށުން ބައެއް ފަރާތްތަކަށް ވަރުގަދަ އަމުރުތައްވެސް ތަންފީޒުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން