ރައީސް މުއިއްޒު
ރައީސް މުއިއްޒު
ގދ. ކާޑެއްދޫ އެއަރޕޯޓް ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ.

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި "ރަސް އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ކާޑެއްދޫ އެއަރޕޯޓް ތަރައްޤީކުރުމާއި، ކާޑެއްދޫއާ ތިނަދޫ ދެ ރަށް ބްރިޖަކުން ގުޅާލުމަކީ ހުވަދޫ އަތޮޅުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ވަޢުދެއް ކަމަށާއި، މިހާރު ކުރިއަށްދަނީ އެކަމުގެ ޕްލޭނިންގ މަރުހަލާގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫޢު ކުރިން ބޭނުންވި ބާރުމިނުގައި ކުރިއަށް ނުދިޔަ ސަބަބާ ގުޅޭގޮތުން ރައީސް ތަފްސީލު ދެއްވަމުން ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ސީދާ ޚަރަދުކުރުމުގެ ބަދަލުގައި، މި މަސައްކަތް ކުރިއަށްގެންދަން ނިންމާފައިވަނީ "އިންވެސްޓަރ ފައިނޭންސް" މޮޑެލްގެ ދަށުން ކަމަށެވެ.

އެންމެ ފީސިބަލް ނުވަތަ އެންމެ އެކަށީގެންވާ މޮޑެލްއެއް ހޯދުމަށް ވަގުތުތަކެއް ހޭދަވި ނަމަވެސް، މަސައްކަތް ހުއްޓާނުލާ ކުރިއަށްދާކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މިހާރު ރިއަލިސްޓިކް ޓާގެޓްތަކެއް ކަނޑައެޅި، މިއަހަރުގެ މެދުތެރޭގައި ބިންމަތީގެ ޢަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކުރިން ސަރުކާރުން ރޭވީ ތިނަދޫގައި އައު އިންޓަރނޭޝަނަލް އެއަރޕޯޓެއް އެޅުމަށެވެ. ނަމަވެސް، ފަހުން ނިންމެވީ 1993 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ކާޑެއްދޫ އެއަރޕޯޓް ބައިނަލްއަޤުވާމީ ފެންވަރަށް މަތީ ފަންތީގައި ތަރައްޤީކޮށް، ގާތްގަނޑަކަށް 3.7 ކިލޯމީޓަރު ދުރުގައި އޮތް ތިނަދޫއާ ބްރިޖަކުން ގުޅާލުމަށެވެ. ވިލާ އެއަރއިން މިހާރު ހިންގަމުންދާ މި އެއަރޕޯޓަކީ ހުވަދު އަތޮޅުގައި ހުޅުވި ފުރަތަމަ އެއަރޕޯޓެވެ.



ކިޔުންތެރިންގެ ހިޔާލު