ދަފްތަރު ނަންބަރު ދރ 2069، މާލެ، ޙަމްދޫން އަޙްމަދު (31އ)
ދަފްތަރު ނަންބަރު ދރ 2069، މާލެ، ޙަމްދޫން އަޙްމަދު (31އ)
ކެނަބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 12 އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށާއި، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމް އިއްވާފައިވަނީ ދަފްތަރު ނަންބަރު ދރ 2069، މާލެ، ޙަމްދޫން އަޙްމަދު (31އ) ގެ މައްޗަށެވެ.

މި މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، 7 ފެބްރުވަރީ 2024 ގައި ޙަމްދޫން ދިރިއުޅެމުންދިޔަ އެޕާޓްމަންޓް ފުލުހުން ބަލައި ފާސްކުރިއިރު، އެ ތަނުން 208 ގުރާމުގެ ކެނަބިސް ފެނިފައިވެއެވެ. މި މައްސަލައިގައި ދިވެހިރާއްޖޭގެ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ދައުވާ އުފުލުމުން، ޝަރީއަތުގެ ކުރީކޮޅުގައި ޙަމްދޫން ވަނީ އެ ދައުވާއަށް އިންކާރު ކޮށްފައެވެ. ނަމަވެސް، ހެކިބަސް ނެގުމުގެ މަރުހަލާގައި ހުށަހެޅުނު ހެކިތަކުގެ ބާރުގަދަކަމުން، އޭނާ ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް އެދިފައެވެ.

ކްރިމިނަލް ކޯޓުގެ ގާޟީ އިބްރާހީމް ޒިހުނީ ބެއްލެވި މި މައްސަލައިގައި، ޙަމްދޫނާއެކު ހެދި އިއުތިރާފުގެ އެއްބަސްވުން ކޯޓުން ވަނީ ބަލައިގަނެފައެވެ. މިއީ ޝަރީއަތް އަވަސް ކުރުމަށް ގާނޫނީ ގޮތުން ލިބިދޭ ފުރުސަތެކެވެ.

ކޯޓުގެ ހުކުމުގައިވާ ގޮތުން، ޙަމްދޫން ހައްޔަރުކުރެވުނު ދުވަހުން ފެށިގެން މިހާތަނަށް ދެ އަހަރާއި އެއް މަހާއި 18 ދުވަސް ބަންދުގައި ހޭދަކޮށްފައިވެއެވެ. އެހެންކަމުން، އޭނާ ތަންފީޒުކުރަން ޖެހޭނީ ނުވަ އަހަރާއި 10 މަހާއި 12 ދުވަހުގެ ޖަލު އަދަބެކެވެ. މީގެ އިތުރުން، އެއްލައްކަ ރުފިޔާގެ ޖޫރިމަނާ އެއް މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގައި ޙަމްދޫންއާއެކު ހައްޔަރުކުރި ސ. ހިތަދޫ / ކެނެރީގެ، ޢާއިޝަތު ޢަތުފާގެ މައްޗަށް އުފުލާފައިވާ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ، އެހެން ގަޟިއްޔާއަކުން ވަކިން ބެލުމަށްވެސް ކޯޓުން ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު