ރާއްޖެއަކީ ސިޔާސީ ގޮތުން "ޖާހިލު ނުބައި" ގައުމެއް ކަމަށާއި، ދައުލަތުގެ އިދާރާތަކުން ވެރިން ރުއްސުމަށްޓަކައި ދީނާއި ބަސް ބޭނުންކޮށްގެން ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ނަފާ ނަސީމް މިފަދަ ވަރުގަދަ ބަހުގެ ހަމަލާތަކެއް ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކަށް އަމާޒުކުރެއްވީ، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ކެމްޕެއިން ޖަލްސާއެއްގައި މިހާރުގެ ސަރުކާރުގެ ސިޔާސަތުތައް ސިފަކޮށްދިނުމަށް ބޭނުންކުރެއްވި މަޒާޖީ ބަހެއްގެ މައްސަލަ، ސޯޝަލް ޑިވެލޮޕްމެންޓް މިނިސްޓްރީން ކުށްވެރިކޮށް ބަޔާން ނެރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނަސީމް ވިދާޅުވީ ވެރިން ރުއްސުމުގެ ބޭނުމުގައި ދީނާއި ބަހުގެ ހަމަތައް ބޭނުންކޮށްގެން މަކަރާއި ދޮގު ހެދުމަކީ މިހާރު އާންމު ކަމެއް ކަމަށެވެ. އަދި ބޭރު ބަސްބަހުންނާއި ދިވެހި ބަހުން ވާހަކަދައްކާއިރު މިސާލުބަހާއި ހަރުބަސް ބޭނުންކުރުމަކީ ބަހުގެ ރީތި އުސޫލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ދަރިންނޭ. މީ ސިޔާސީ ޖާހިލު ނުބައި ގައުމެއް. ވެރިން ރުއްސަން ދީނާ ބަހާ ބޭނުންކޮށް އޮޅުވާލާ މަކަރާ ދޮގުހަދާ ބައެއް. ބޭރުބަސްތަކާ ދިވެހިބަހުން ވާހަކަދައްކާއިރު މިސާލުބަހާ ހަރުބަހާ ބޭނުންކުރޭ. މިސާލަކަށް (އަމާބުނީތީ ފަރަށްދާހެން). އެއީ މައިމީހާޔަށް ބުނާ އިހާނެތިބަހެއް ނޫން!" ނަސީމް ވިދާޅުވިއެވެ.

ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އަމަލުތައް ހުންނަ ގޮތަށް އިޝާރާތް ކުރައްވައި ނަސީމް ވިދާޅުވީ، ބޮޑު މުސާރަ ލިބޭ ސިޔާސީ މަގާމުތައް ދެއްވާ ވެރިމީހާ ރުއްސުމަކީ މިހާރު ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައެވެ. އަދި އެކަން ކުރަނީ ދޮގާއި މަކަރާއި އޮޅުވާލުން އިސްކޮށްގެން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

"ދަރިންނޭ! ބޮޑުމުސާރަލިބޭ ސިޔާސީ މަތީމަގާމު ދެއްވާ ވެރިމީހާ، ދޮގާ މަކަރާ އޮޅުވާލައިގެން ނަމަވެސް، ރުއްސަން (ޖެހޭ)! ޚާއްސަކޮށް އިންތިޚާބު ދުވަސްވަރު. ތިކަމުގަ އިދިކޮޅުމީހާޔަށް އަބުރުގެ އަދި ޖިނާޔަތުގެ ދަޢުވާކޮށް ޖަލަށްވެސް ލާންވާނެ. މިއޮތީ ވާ ގައުމެއް،" ނަސީމްގެ ޕޯސްޓުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު