ޕީއެންއެފްގެ އެސްޖީ މަލީހް ޖަމާލް-
ޕީއެންއެފްގެ އެސްޖީ މަލީހް ޖަމާލް-
ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ބޭރު ގައުމުތަކުގައި ވޯޓު ފޮށި ނުބެހެއްޓުމަށް ނިންމި ނިންމުމަކީ، ވޯޓުލާ މީހުންގެ އަދަދު މަދުކޮށްގެން ރިފަރަންޑަމް ކާމިޔާބު ކުރުމަށް ސަރުކާރުން ހިންގާ އަމަލެއް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު އަދި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ތުހުމަތު ކުރައްވައިފިއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ކުރިއަށް އޮތް ރިފަރަންޑަމްގައި ވޯޓުލުމުގެ ހައްގު މި ސަރުކާރުން ވަނީ ނިގުޅައިގަނެފައި ކަމަށެވެ. އަދި ގިނަ އަދަދަކަށް ދިވެހިން އުޅޭ ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ވޯޓު ފޮށި ގިނައިން ދިވެހިން އުޅޭ ގައުމުތަކުގައި ބަހައްޓަން ޖެހޭ. ނުބެހެއްޓީ ވޯޓުލާ މީހުންގެ އަދަދު މަދުކޮށް ރިފަރަންޑަމް ކާމިޔާބު ކުރަން. އެކަން ކާމިޔާބު ވިޔަ ނުދީ،" މަލީހް ވިދާޅުވިއެވެ. މީގެ އިތުރުން ރިފަރަންޑަމަށް "ނޫނެކޭ" ބުނުމަށް ވެސް އޭނާ ވަނީ ރައްޔިތުންނަށް ގޮވާލާފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ރާއްޖެއިން ބޭރުގެ އެއްވެސް ގައުމެއްގައި އަދި ބައެއް ރިސޯޓުތަކާއި ސިނާއީ ސަރަހައްދުތަކުގައި ވޯޓު ފޮށި ނުބެހެއްޓުމަށް ނިންމާފައެވެ. ކޮމިޝަނުން މި ނިންމުން ދިފާއުކޮށް ބުނެފައިވަނީ، އެ ތަންތަނުގައި ވޯޓުލާން ރަޖިސްޓްރީވީ މީހުންގެ އަދަދު 500 އަށް ވުރެ މަދުވުމުން، ހަރަދަށް ބަލައި ފޮށި ނުބަހައްޓަން ނިންމީ ކަމަށެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، މިއީ ގާނޫނީ އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ވޯޓުލުމުގެ ހައްގަށް ހުރަސް އެޅުމަށް ސަރުކާރުގެ ނުފޫޒުން ނިންމާފައިވާ ނިންމުމެކެވެ.



ކިޔުންތެރިންގެ ހިޔާލު