ޓޮމަހޯކް މިސައިލް
ޓޮމަހޯކް މިސައިލް
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ފާއިތުވި ހަތަރު ހަފުތާގެ ތެރޭގައި އެމެރިކާ ސިފައިން ވަނީ 850 އަށްވުރެ ގިނަ ޓޮމަހޯކް މިސައިލް ބޭނުންކޮށްފައެވެ.

މި މިންވަރަކީ އާންމުކޮށް އަހަރެއްގެ މައްޗަށް އެމެރިކާއިން އުފައްދާ ނުވަތަ ގަންނަ މިސައިލްގެ އަދަދަށްވުރެ އެތައް ގުނައެއް އިތުރު އަދަދެކެވެ. މިކަމާ ގުޅިގެން ޕެންޓަގަންގެ ބައެއް އޮފިޝަލުން ވަނީ އެމެރިކާގެ ހަތިޔާރުގެ ރައްކާ ނުވަތަ ސްޓޮކް އިންތިހާއަށް މަދުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ހަނގުރާމައިގައި މިހާތަނަށް ބޭނުންކުރި މިސައިލްތަކުގެ ސަބަބުން އެމެރިކާގެ އަސްކަރީ ގާބިލިއްޔަތަށް އަސަރުކޮށްފާނެ ކަމަށް މާހިރުން ބުނެއެވެ.

ވަކިން ހާއްސަކޮށް، ޕެސިފިކް ސަރަހައްދުގައި ކުރިމަތިވެދާނެ އެހެން ހަމަނުޖެހުމަކަށް ބޭނުންވާ ވަރަށް ހަތިޔާރު ނެތިދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ. ރިޕޯޓްތައް ބުނާގޮތުން، މިހާރު ބޭނުންކޮށްފައިވާ މިސައިލްތަކުގެ ބަދަލުގައި އައު މިސައިލް އުފައްދައި ސްޓޮކް ފުރިހަމަ ކުރުމަށް މަދުވެގެން ފަސް އަހަރު ދުވަސް ނަގާނެއެވެ.

ޓޮމަހޯކް މިސައިލަކީ ދުރު ރާސްތާއަށް ދަތުރުކޮށް، ވަރަށް ސައްހަކޮށް އަމާޒަށް ވާސިލްވުމުގެ ގާބިލްކަން ލިބިފައިވާ އަގުބޮޑު ހަތިޔާރެކެވެ. އެގޮތުން އެންމެ މިސައިލެއްގެ އަގު ގާތްގަނޑަކަށް 2 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

މި ހަނގުރާމައިގައި އީރާނުން އުފައްދާ އަގުހެޔޮ ޑްރޯންތަކާއި މިސައިލްތަކާ ދެކޮޅަށް އެމެރިކާއިން މިފަދަ އަގުބޮޑު ހަތިޔާރު ބޭނުންކުރަން ޖެހުމަކީ އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

ހަމައެއާއެކު، އީރާނުގެ ބަލިސްޓިކް މިސައިލް އުފައްދާ މަރުކަޒުތަކާއި ލޯންޗް ކުރާ ސަރަހައްދުތަކަށް އަމާޒުކޮށް މިސައިލް ހަމަލާތައް ދެމުންދާއިރު، އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ވެސް މީގެ އަސަރު ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާތަކުގައި އީރާނުގެ ގިނަ އަދަދެއްގެ އާންމުން މަރުވެފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތު ކުރެއެވެ. މީގެ ތެރޭގައި ސްކޫލްތަކާއި ހޮސްޕިޓަލްތައް ފަދަ ތަންތަނަށް ހަމަލާ އެރުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު