ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު
އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރެފަރެންޑަމް ވޯޓުގެ ކަރުދާހުގައި ބާތިލްނުވާނެ ގޮތަށް ފާހަގަ ޖަހަންޖެހޭ ގޮތް ކައުންސިލް އިދާރާގެ ބޭރު ފާރުގައި ތަތްކުރަންޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ މެދުވެރިކުރަށްވައި ސުޢޫދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރެފަރެންޑަމްގައި ވޯޓު ބާތިލުނުވާނެ ގޮތަށް ފާހަގަ ޖަހަންވީ ގޮތް، ކޮންމެ ރަށެއްގެ ކައުންސިލް އިދާރާގެ ބޭރު ފާރުގައާއި، މާލޭގެ މަގުތަކުގެ ފާރުތަކުގައި އިއުލާނު ތަތްކޮށްގެން ރައްޔިތުންނަށް ބުނެދޭންޖެހޭ ކަމަށެވެ. އަދި އާންމު ރައްޔިތުންނަށް ވޯޓުލާންވީ ގޮތް ނޭނގިގެން އެކި ފަރާތްތަކަށް ގުޅަމުންދާކަން ފާހަގަކުރައްވައި، ކަމާބެހޭ މުއައްސަސާތަކުން ދުސްތޫރީ ޒިންމާ އަދާކުރުމަށް އޭނާ ގޮވާލެއްވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ސުޢޫދު ވަނީ މިކަމުގައި ނޫސްވެރިންގެ ޒިންމާއެއް އޮތްކަންވެސް ފާހަގަކުރައްވާފައެވެ. ނަމަވެސް ދަޢުލަތުގެ މީޑިއާ އާއި މެދު އެއްޗެއް ނުބުނުން މާ ރަނގަޅުވާނެ ކަމަށް ވިދާޅުވެ، އެ މުއައްސަސާގެ މަސައްކަތްތަކަށް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

ހަމައެއާއެކު ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންގެ އިންތިޚާބީ ހައްގުތަކަށް ލިބިދާނެ ގެއްލުންތަކާ ގުޅޭގޮތުން ސުޢޫދު ވަނީ ވަރަށް ތަފްސީލީ ގޮތެއްގައި ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. އޭގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް ކަންކަމަކީ:

1. ޒިންމާދާރު ކުރުވުމުގެ ފުރުސަތު ގެއްލުން: ސުޢޫދު ވިދާޅުވީ ރިޔާސީ ދައުރުގެ މެދުތެރޭގައި މަޖިލިސް އިންތިޚާބު ބޭއްވުމަކީ ސަރުކާރުގެ މަސައްކަތްތައް މުރާޖަޢާކުރުމަށް ރައްޔިތުންނަށް ލިބޭ ފުރުސަތެއް ކަމަށެވެ. ނަމަވެސް ދެ އިންތިޚާބު އެއްކޮށްލުމުން އެ ފުރުސަތު ހަނިވެ، ކުދި ޕާޓީތަކަށާއި މިނިވަން ކެންޑިޑޭޓުންނަށް އޮންނަ ސަމާލުކަން ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

2. އިދާރީ ގޮންޖެހުންތަކާއި އޮޅުންބޮޅުން: ދެ އިންތިޚާބު އެއްކޮށްލުމަކީ އިލެކްޝަންސް ކޮމިޝަނަށް ނުކަތާވަރުގެ ބުރައަކަށް ވާނެ ކަމަށާއި، ވޯޓު ކަރުދާހުގެ ބާވަތްތަކާއި، ގުނުމުގެ މަރުހަލާ ދެގުނަވުމުން އިދާރީ ކުށްތައް ހިނގުމަށާއި، ނަތީޖާގެ އިތުބާރު ގެއްލުމަށް މަގުފަހިވާނެކަމަށް ސުޢޫދު ވިދާޅުވެފައިވެއެވެ.

3. ރައްޔިތުން ތަމްސީލު ކުރުމަށް ހުރަސްއެޅުން: ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބަކީ ތަފާތު ދެ މަގްސަދެއްގައި ބާއްވާ ދެ އިންތިޚާބެއްކަން ސުޢޫދު ފާހަގަ ކުރެއްވިއެވެ. މި ދެ އިންތިޚާބު އެއްކޮށްލުމުން، ދާއިރާގެ މަސްލަހަތަށް ވުރެ ބޮޑަށް ރިޔާސީ ކެންޑިޑޭޓަށް ބަލައިގެން ވޯޓުލުމަށް ރައްޔިތުންނަށް މަޖުބޫރުވާނެ ކަމަށާއި، މީގެ ސަބަބުން ދައުލަތް ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމުގެ ބިރު އޮތްކަމަށް ސުޢޫދު ފާހަގަކުރެއްވިއެވެ.

4. ވޯޓުލާ މީހުންނަށް އޮޅުން އެރުން: ގިނަ ކަރުދާސްތަކެއް ހުރުމުން ވޯޓުލާ މީހުން އޮޅުން އަރައި، ކެންޑިޑޭޓުންގެ ފެންވަރަށް ބެލުމުގެ ބަދަލުގައި ހަމައެކަނި ޕާޓީއަށް ބަލައި ވޯޓުލުން އިތުރުވެ، ރައްޔިތުންގެ ހަގީގީ ވިސްނުން ފާޅުކުރުމަށް ހުރަސްއެޅޭނެކަމަށްވެސް ސުޢޫދު ވިދާޅުވިއެވެ.

މީގެ އިތުރުން، މިފަދަ ހާލަތެއްގައި މިނިވަން މުއައްސަސާތަކާއި މީޑިއާތަކަށް ފޯރުވާ ނުފޫޒު ގަދަވެ، އިންތިޚާބު އިންސާފުވެރިކަމާއެކު މޮނިޓަރ ކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށްވެސް ސުޢޫދު ވިދާޅުވެފައިވެއެވެ.

ސުޢޫދު މިހެން ވިދާޅުވެފައިވާއިރު މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ރެފަރެންޑަމް އަންނަ މަހުގެ 4 ވަނަ ދުވަހަށް އީސީން މިހާރު ވަނީ ތާވަލު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު