ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު
ކުރިއަށް އޮތް އިންތިޚާބުތަކުގައި ވޯޓުލުމުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް އަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ރެފަރަންޑަމް ވޯޓަށް އިޝާރާތް ކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސުޢޫދު ވިދާޅުވީ، އިންތިޚާބުގެ ސިއްރުކަން ގެއްލޭ ގޮތަށް އަމަލުކުރަން އީސީން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ސުޢޫދު ތަފްސީލުކޮށް ދެއްވި ގޮތުގައި، އީސީން ހަމަޖައްސަން ގަސްތުކުރަނީ ވޯޓުލާން އަންނަ މީހާ ކުރެ ވޯޓުލާން ގަސްތުކުރަނީ ކޮން ކަމަކަށްތޯ އަހައި ސާފުކުރުމަށްފަހު، ބޭނުންވާ ކަރުދާސްކޮޅު އެކަނި ދިނުމަށެވެ.

"އީސީ އިން ހަމަޖައްސަން ގަސްތުކުރަނީ ވޯޓު ލާން އަންނަ މީހުން ކުރެ ވޯޓު ލާން ގަސްތުކުރަނީ ކޮން ކަމަކަށްތޯ އަހައި ސާފުކުރުމަށްފަހު، 3 އިންތިހާބުގެ 3 ވޯޓު ކަރުދާހުގެ ތެރެއިން އެމީހަކު ވޯޓު ލާން ބޭނުންކަމަށް އެމީހުން ގާތު ބުނާ ކަރުދާސްކޮޅު ދިނުމަށް،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސުޢޫދު ވިދާޅުވީ، އެއްފަހަރާ ނެގޭ ތިން އިންތިޚާބެއްގެ ތިން ކަރުދާސްކޮޅު މީހާގެ އަތަށް ދިނުމަށް އީސީން ބޭނުން ނުވާ ކަމަށެވެ. އަދި ތިން ކަރުދާސްކޮޅު ދިނުމުން، އޭގެ ތެރެއިން ވޯޓު ލާނީ ކޮން އެއްޗަކަށްތޯ ނިންމުމަކީ ވޯޓުލާ މީހާގެ އަމިއްލަ އިޚްތިޔާރުގައި އޮންނަންޖެހޭނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"3 ކަރުދާސްކޮޅު ދިނީމާ އެމީހާގެ އަމިއްލަ ކަމެއް ނޫންތޯ ލާނެ އެއްޗަކަށް ވޯޓު ލުމަކީ؟" ސުޢޫދު ސުވާލުކުރެއްވިއެވެ.

ސުޢޫދުގެ މި ތުހުމަތުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، އިންތިޚާބާ ގުޅޭ ފުރިހަމަ އަދި ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އީސީން އިހުމާލުވަމުންދާ ކަމަށް ބުނެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު