ފޮޓޯ: ސަލީމްގެ ފޭސްބުކް
ފޮޓޯ: ސަލީމްގެ ފޭސްބުކް
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވަކިވަކިން ބޭއްވުމަކީ، މިހާރު އަމަލުކުރަމުންދާ ފެހި ޤާނޫނުއަސާސީ އެކުލަވާލި އިރު އެންމެ ފައިދާހުރި އަދި އެންމެ ރަނގަޅު ގޮތް ކަމަށް ކަނޑައަޅާފައިވާ އުސޫލު ކަމަށް، ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު ހޯރަފުށީ މުޙައްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، ޤާނޫނުއަސާސީގެ އަސާސީ ސިފަތަކަށް މިހާ ބޮޑަށް ބަދަލު ގެނެސް، އޭގެ އަސްލު އޮޅުވާލާނެ ކަމަށް ޤާނޫނުއަސާސީ އެކުލަވާލި ދުވަސްވަރު އުންމީދު ނުކުރަށްވާ ކަމަށެވެ. އަދި ޤާނޫނުއަސާސީގެ ތަނބުތަކަށް މިފަދަ ބަދަލުތަކެއް ގެންނާނެ ކަމަށް އޭރު ލަފާކުރެވުނު ނަމަ، އެކަންކަން ބަދަލުނުކުރެވޭނެ ފަދަ ވަރުގަދަ "ތަޅުތަކެއް" ނުވަތަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ޤާނޫނުއަސާސީގައި ހިމެނުއްވީސް ކަމަށް އޭނާ ވިދާޅުވިއެވެ.

"ދުވަހަކުވެސް ހިއެއް ނުކުރަން ޤާނޫނުއަސާސީގެ އަސާސީ ތަނބުތަކަށް އެތިކޮޅުން އެތިކޮޅުން ބަދަލު ގެންނާނެ ދުވަހެއް އަތުވެދާނެ ކަމަކަށް. އެކަން އެނގުނު ނަމަ، އެފަދަ ބަދަލުތައް އެހާ ފަސޭހައިން ނުގެނެވޭނެ ގޮތަށް ޤާނޫނުއަސާސީގައި ވަރުގަދަ އުސޫލުތަކެއް އޭރު ކަނޑައެޅީސް." ސަލީމް ވިދާޅުވިއެވެ.

ހަމައެއާއެކު ސަލީމް ވިދާޅުވީ، ތާރީޚަށް ބަލާއިރު ތަފާތު އެކި ސަރުކާރުތަކުން ވަކި ޚާއްޞަ މަސްލަހަތުތަކެއް ހާސިލުކުރުމަށްޓަކައި ޤާނޫނުއަސާސީއަށް އިސްލާހުތައް ގެނެސްފައިވާ ކަމަށެވެ. އަދި މިއަދުވެސް ފެންނަމުންދަނީ އެ މަންޒަރުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ދެ އިންތިޚާބު އެއް ދުވަހަކު ބޭއްވުމާ ގުޅޭގޮތުން އެކި ފަރާތްތަކުން ތަފާތު ދަލީލުތައް ދައްކަމުންދާކަން ފާހަގަކުރައްވައި، ސަލީމް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ މިފަދަ ކަންކަމުގައި މިނިވަން ފިކުރެއްގައި ވިސްނައި، ގޮތް ނިންމާނެ ބައެއް ކަމަށް ގަބޫލުކުރަށްވާ ކަމަށެވެ. އަދި ޤާނޫނުއަސާސީ އެކުލަވާލި އިރުވެސް އަދި އޭނާގެ އަމިއްލަ ވިސްނުމުގައިވެސް، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބަކީ ވަކި ދެ މަރުހަލާއެއްގެ ގޮތުގައި އޮންނަންޖެހޭ ދެ އިންތިޚާބު ކަމަށް ރޭގެ ޕްރޮގްރާމްގައި ސަލީމް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު