ރައީސް ޓްރަމްޕް
ރައީސް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވައިޓް ހައުސްގައި ބިނާކުރައްވަން ނިންމަވާފައިވާ 400 މިލިއަން ޑޮލަރުގެ "ބޯލްރޫމް" މަޝްރޫއު ކުރިއަށް ނުގެންދެވޭ ގޮތަށް އެމެރިކާގެ ފަނޑިޔާރަކު ވަގުތީ އަމުރެއް ނެރުއްވައިފިއެވެ.

ޑިސްޓްރިކްޓް ފަނޑިޔާރު ރިޗަޑް ލިއޯން ނެރުއްވި މި އަމުރުގައި ބުނެފައިވަނީ، ކޮންގްރެސްގެ ހުއްދަ ނުލިބެނީސް މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މި މައްސަލައަކީ ވައިޓް ހައުސްގެ ތާރީޚީ "އީސްޓް ވިންގް" ތަޅާލައި، އެތަނުގައި 90،000 އަކަފޫޓުގެ ބޮޑު ބޯލްރޫމެއް އެޅުމަށް ޓްރަމްޕް ނިންމެވި ނިންމެވުމާ ގުޅިގެން "ނޭޝަނަލް ޓްރަސްޓް ފޯ ހިސްޓޮރިކް ޕްރިޒަވޭޝަން" އިން ހުށަހެޅި މައްސަލައެކެވެ. އެ ޖަމާއަތުން ބުނަމުންދަނީ ވައިޓް ހައުސްގެ ތާރީޚީ ބިނާއެއް ތަޅާލައި އާ އިމާރާތެއް އެޅުމުގެ ބާރު ރައީސަށް ލިބިގެން ނުވާ ކަމަށެވެ.

ފަނޑިޔާރު ރިޗަޑް ލިއޯންގެ ހުކުމުގައި ފާހަގަކުރައްވާފައިވަނީ، އެމެރިކާގެ ރައީސަކީ ވައިޓް ހައުސްގެ މިލްކުވެރިޔާ ނޫން ކަމަށާއި، އެއީ އަންނަން އޮތް ޖީލުތަކަށްޓަކައި އެތަން ބަލަހައްޓަން ހުންނަވާ ބަލަދުވެރިޔާ ކަމަށެވެ. އަދި ކޮންގްރެސްގެ ގާނޫނީ ހުއްދައެއް ނެތި މިފަދަ ބޮޑު ބަދަލެއް ގެނައުމަކީ ރައީސަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މި އަމުރުގެ ސަބަބުން ވައިޓް ހައުސްގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް ހުރަހެއް ނޭޅޭނެ ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ. ރައީސް ޓްރަމްޕް ކުރިން ވިދާޅުވެފައިވަނީ މި ބޯލްރޫމަކީ އެމެރިކާގެ ގައުމީ ސަލާމަތަށް މުހިންމު އަދި އަމިއްލަ އެހީގައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. މިއީ ފަހުގެ ތާރީޚެއްގައި ވައިޓް ހައުސްގެ ގޯތިތެރެއަށް ގެނެވޭ އެންމެ ބޮޑު ބަދަލެވެ.



ކިޔުންތެރިންގެ ހިޔާލު