ކައިޒީން | ފޮޓޯ: އިންސްޓަގްރާމް
ކައިޒީން | ފޮޓޯ: އިންސްޓަގްރާމް
ސޯޝަލް މީޑިއާގައި މަޝްހޫރުކަން ހޯދާފައިވާ މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އާއި އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅާ ދެމެދު އުފެދިފައިވާ ބޯޓެއްގެ މިލްކުވެރިކަމުގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ބުރާސްފަތި ދުވަހު ފަށައިފިއެވެ.

މި މައްސަލައަކީ ކައިޒީން ދިން 3.6 މިލިއަން ރުފިޔާއިން އޭނާގެ ބައްޕަ ގަތް ބޯޓެއް، ކައިޒީންގެ ރުހުމަކާ ނުލައި ބައްޕަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާތީ، އެ ބޯޓުގެ ރަޖިސްޓްރީ ކައިޒީންގެ ނަމަށް ބަދަލުކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ހައިކޯޓުން މި މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވުމަށް ނިންމުމާ ގުޅިގެން، އެ ނިންމުމާ ހިތްހަމަނުޖެހިގެން ކައިޒީންގެ ފަރާތުންނެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ބެންޗަކުންނެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިން ސިވިލް ކޯޓުން ވަނީ ބޯޓުގެ މިލްކުވެރިކަމާ މެދު ގޮތެއް ނިންމަންދެން، ބޯޓުގެ ރަޖިސްޓްރީ ބަދަލުނުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދީފައެވެ. ކައިޒީންގެ ފަރާތުން ބޯޓުގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކުރުމުގެ އަމުރަކަށް އެދުނު ނަމަވެސް، ކޯޓުން ވަނީ މިހާރުވެސް މުދަލުގެ މިލްކުވެރިކަން ބަދަލުވާފަދަ އެއްވެސް ކަމެއް ނުކުރުމަށް އަމުރެއް އޮތުމާއެކު، އިތުރު އަމުރެއް ނެރެންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅާފައެވެ.

މި މައްސަލައިގައި އިބްރާހީމް އަލިފުޅުގެ ފަރާތުން ދިފާޢުގައި ބުނެފައިވަނީ، ބޯޓު ގަތުމުގެ އެއްބަސްވުމުގައި ގަންނަ ފަރާތުގެ ނަމަކަށް އޮތީ އޭނާގެ ނަން ކަމަށާއި، އެހެންކަމުން އެއީ ކައިޒީންގެ އޭޖެންޓެއްގެ ގޮތުގައި ހުރެގެން ކުރި ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން، ދަރިންގެ މުދާ މައިންބަފައިން ބޭނުންކުރުމާ ގުޅޭގޮތުން އައިސްފައިވާ ޙަދީޘަކަށް ރިއާޔަތްކޮށް، ދަރިއަކު މައިންބަފައިންގެ މައްޗަށް މިފަދަ ދައުވާއެއް ނުކުރެވޭނެ ކަމަށްވެސް އޭނާގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް ކައިޒީންގެ ފަރާތުން ބާރުއަޅަނީ އެ ބޯޓަކީ އޭނާގެ އަމިއްލަ ފައިސާއިން ގަތް އެއްޗަކަށް ވާތީ، އޭގެ މިލްކުވެރިކަން އޭނާއަށް ލިބެންޖެހޭނެ ކަމަށެވެ. މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މިހާރު ވަނީ ފެށިފައެވެ.



ކިޔުންތެރިންގެ ހިޔާލު