ޤާނޫނީ ވަކީލް މަރިޔަމް ޝުނާނާ
ޤާނޫނީ ވަކީލް މަރިޔަމް ޝުނާނާ
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު އަންނަ ހޮނިހިރު ދުވަހު ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު (ރެފަރެންޑަމް) ހުއްޓުވުމަށް ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފިއެވެ.

މި މައްސަލައަކީ ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ބަހެއް ހޯދުމަށް ބާއްވާ ވޯޓު ހުއްޓުވުމަށް އެދި ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ ހުށަހެޅުއްވި މައްސަލައެކެވެ.

ޝުނާނާ މި މައްސަލަ ހުށަހެޅުއްވީ ރިފަރެންޑަމްގައި ކުރާ ސުވާލާއި ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ފާސްކުރި ބިލުގައި ވެސް މަޖިލީހުގެ އުމުރު ބަދަލުކުރަން ގެނެވޭ އިސްލާހެއް ހިމަނާފައި ނުވާތީއެވެ. މީގެ އިތުރުން، މި ވޯޓަށް ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށާއި ކެމްޕެއިން ކުރުމަށް އެކަށީގެންވާ ފުރުސަތެއް ލިބިފައި ނުވާ ކަމަށް ބުނެ، އިންތިހާބު ހުއްޓުވުމަށާއި މަޖިލީހުގެ އުމުރަށް ބަދަލު އަންނަ ފަދަ ކަމެއް ނުކުރަން އަމުރުކޮށްދިނުމަށް ވެސް އެ މައްސަލާގައި އެދިފައިވެއެވެ.

ނަމަވެސް ހައި ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމެވި ނިންމުމުގައި ބަޔާންކޮށްފައިވަނީ، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ ކޯޓަށް ބެލޭނީ ހަމައެކަނި ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އޭގެ ބައެއް ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ހިލާފުވެގެން ހުށަހަޅާ މައްސަލަތައް އެކަނި ކަމަށެވެ. ޝުނާނާ ހުށަހެޅުއްވި މައްސަލަ ބިނާކޮށްފައިވަނީ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ރިޔާސީ ގަރާރުގެ މައްޗަށް ކަމަށްވާއިރު، އެފަދަ ގަރާރުތަކަކީ ދުސްތޫރީ މައްސަލަތަކެއްގެ ގޮތުގައި ބެލޭނެ ކަންކަން ނޫން ކަމަށް އެ ކޯޓުން މީގެ ކުރިން ނިންމާފައިވާ ކަމަށް ވެސް އެ ނިންމުމުގައިވެއެވެ. އެހެންކަމުން، އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމިއިރު، ފެންނަ ނުފެންނަ ވޯޓު ހުއްޓުވުމަށް އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ވެސް މައްސަލައެއް ހުށަހެޅިއެވެ. އެހެންނަމަވެސް، އެ މައްސަލާގައި ސުޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ، އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ހުއްޓުވޭނެ އެއްވެސް ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު