ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ފިނޭންސް މިނިސްޓަރ
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ފިނޭންސް މިނިސްޓަރ
ކުރީ ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 525 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު ދަރަނި، އެއްކޮށް ދައްކައި ޚަލާސްކޮށްފިކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މަައުލޫމާތު ދިން ގޮތުގައި ދައުލަތުން މިފަހަރު ދައްކާފައިވަނީ ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ދިވެހި ފައިސާއިން ބަލާނަމަ ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާގެ ބޮޑު އަދަދެކެވެ. މި ފައިސާގެ ތެރޭގައި ސުކޫކުގެ އަސްލު އަގު ކަމުގައިވާ 500 މިލިއަން ޑޮލަރުގެ އިތުރުން، އިންޓްރަސްޓް ނުވަތަ ފައިދާގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރު ހިމެނެއެވެ.

މި ބޮޑު ދަރަނި ދެއްކުމަށް ސަރުކާރުން ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވެވެ. މި ފައިސާ ދައްކައި ޚަލާސްކުރުމަކީ ރާއްޖޭގެ މާލީ އިސްތިޤްލާލު ހިފެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

ފިނޭންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ދަރަނި އަދާކުރުމާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެ، ކުރިއަށް އޮތް މެދު ރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވެ، ބައިނަލްއަޤްވާމީ މާލީ ބާޒާރުގައި ރާއްޖެއަށް އޮތް އިތުބާރު ބޮޑުވެގެންދާނެއެވެ.

މި ސުކޫކަކީ 2021 ވަނަ އަހަރު މުއްދަތު ހަމަވި 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު ދެއްކުމަށްޓަކައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ނަގާފައިވާ ދަރަންޏެކެވެ. ފިނޭންސް މިނިސްޓްރީން ބުނީ މި ދަރަންޏަކީ ދުނިޔޭގެ އިޤްތިޞާދީ ހާލަތު ނާޒުކު ދަނޑިވަޅެއްގައި، ދަރަނި އަދާކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތި، ބޮޑު އިންޓްރެސްޓެއްގައި ނަގާފައިވާ ދަރަންޏެއް ކަމަށެވެ.

މި ބޮޑު ދަރަނި ދައްކާ ނިމުމާއެކުވެސް، ރައްޔިތުންނަށް ބޭނުންވާ ތެލާއި، ކާބޯތަކެއްޗާއި، އަސާސީ ޚިދުމަތްތައް އެއްވެސް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީފައިވާ ކަމަށް މިނިސްޓްރީން ހާމަކުރިއެވެ. އަދި ދައުލަތުގެ މާލީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ބައިނަލްއަޤްވާމީ އެކި އިދާރާތަކާ ގުޅިގެން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އެގޮތުން، އަބޫދާބީ ފަންޑުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުން ފަސްކުރުމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތައް ކާމިޔާބުކަމާއެކު ނިމިފައިވާކަން ފިނޭންސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. މިއީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ޚާރިޖީ އަދި މާލީ ސިޔާސަތުގެ ނަތީޖާއެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނިގޮތުގައި ސަރުކާރުގެ މައިގަނޑު އަމާޒަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން ދަމަހައްޓައި، ދައުލަތުގެ ދަރަނި ދަށްކުރެވޭނެ ދެމެހެއްޓެނިވި މަގަކަށް ރާއްޖޭގެ އިޤްތިޞާދު ރުޖޫޢަކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު