އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޒާހިދު
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޒާހިދު
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ފެންނަ ނުފެންނަ އިލެކްޝަންސް ކޮމިޝަނުން ފުރިހަމައަށް ތައްޔާރުވެފައިވާކަން އެ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ހާމަކުރައްވައިފިއެވެ.

ފުލުހުންނާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޒާހިދު ވިދާޅުވީ، މާދަމާ ބާއްވާ މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 294,760 މީހުން ރާއްޖޭގައި އެބަތިބި ކަމަށާއި، ދައުލަތް ހިންގުމާއި ނިޒާމަށް ގެނެވޭ ބަދަލުތަކުގައި ރައްޔިތުންގެ ބަސް އިއްވުމަށް ވީހާވެސް ގިނަ ބަޔަކު ނުކުމެ ވޯޓުލުމަކީ ކޮމިޝަނުގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

މި ފަހަރުގެ އިންތިޚާބުގައި ޖުމްލަ 255 ދާއިރާއަކުން މެންބަރުން އިންތިޚާބު ކުރާއިރު، ދާއިރާތަކާއި މަގާމުތަކުގެ އަދަދު ދެ އިންތިޚާބުގައިވެސް އެއްވަރަކަށް ހުރިކަން ޒާހިދު ފާހަގަކުރެއްވިއެވެ.

އެގޮތުން ކައުންސިލްތަކުގެ 680 މަގާމަކަށް 1,358 ކެންޑިޑޭޓުން ވާދަކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 680 މަގާމަށް 1,597 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ. މީގެއިން ދޭހަވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އޮތް ޝައުގުވެރިކަން މިފަހަރު ބޮޑުވެފައިވާކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންތިޚާބުގެ އިންތިޒާމުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒާހިދު ވިދާޅުވީ، ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކާއި، ރިސޯޓުތަކާއި އަދި ޖަލުތަކުގައި ހިމެނޭހެން ޖުމްލަ 588 ވޯޓު ފޮށި ބެހެއްޓުމަށް މިހާރު ހުރީ ހަމަޖެހި ނިމިފައެވެ. އަދި މިރޭ ދަންވަރުން ފެށިގެން މާލޭގެ ހުރިހާ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ސާމާނު ގެންގޮސް، މާދަމާ ހެނދުނު 8:00 ގައި ވޯޓުލުން ފެށުމަށްޓަކައި ފުލުހުންގެ އެހީތެރިކަމާއެކު ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

އިންތިޚާބުގެ ދެފުށް ފެންނަ މިންވަރު ކަށަވަރުކުރުމަށްޓަކައި، ގާތްގަނޑަކަށް 8,000 އަށްވުރެ ގިނަ ފަރާތްތަކުން ހަރަކާތްތެރިވާނެކަމަށް ޒާހިދު ވިދާޅުވިއެވެ.

މީގެ ތެރޭގައި 8,000 އަށްވުރެ ގިނަ އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ އިތުރުން ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ރާއްޖޭގައި ތިއްބަވާ ބޭރުގެ ސަފީރުން ހިމެނެއެވެ.

މީގެއިތުރުން، ވޯޓު ފޮށިތަކުގެ ދޮށުގައި 6,581 އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށާއި، މަރުކަޒުތަކުގެ ކަންކަން ބެލެހެއްޓުމަށް 210 ގްރައުންޑް މެނޭޖަރުންވެސް ހަރަކާތްތެރިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އިންތިޚާބުގެ މަސައްކަތުގައި އުޅޭ ހުރިހާ އޮފިޝަލުންނަށް ބޭނުންވާ ތަމްރީނު މިހާރު ދީ ނިމިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު