މަރްޔަމް ނަހްދާ ވަޙީދު   4 އޭޕްރީލު 2026 - 11:23
ކައުންސިލް އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވޯޓްލައްވަނީ
ކައުންސިލް އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވޯޓްލައްވަނީ
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރެފަރަންޑަމް ވޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވޯޓުލައްވައިފިއެވެ.

ރައީސް ޔާމީން ވޯޓުލައްވާފައި ވަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ.

ވޯޓުލުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ، ކެރިކުޅަދާނަކަން ހުރި ހުރިހާ ރައްޔިތުން ވޯޓުލާން ނިކުތުމަށް އިލްތިމާސް ކުރައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިއަދު ނެގޭ ރިފަރެންޑަމް ވޯޓަކީ ގައުމުގެ ސިޔާސީ ކުރިމަގު ބައްޓަންވެގެންދާނެ މުހިންމު ވޯޓެކެވެ. އެހެންކަމުން، މިއީ ދައުލަތާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ވީހާވެސް ގިނަ ރައްޔިތުން ވޯޓުލާން ނެރުމަށް މަސައްކަތް ކުރަންޖެހޭ އިންތިހާބެއް ކަމަށް ވިދާޅުވިއެވެ.

މިއަދުގެ އިންތިހާބުތައް އިންތިޒާމުކޮށްފައިވާ ގޮތާމެދު ރައީސް ޔާމީން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އިންތިހާބުތަކަށް އާންމުން ހޭލުންތެރިކުރުވުމަށް އިލެކްޝަންސް ކޮމިޝަނުން އެދެވޭ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. ވަކިން ހާއްސަކޮށް، ރިފަރެންޑަމް ވޯޓު ކަރުދާސްކޮޅު ފަރުމާކޮށްފައި އޮތީ ގިނަ ބަޔަކަށް އޮޅުން އަރާފާނެ ގޮތަކަށް ކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވޯޓުލުމުގެ ފުރުސަތު ހަނިވެފައިވާކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ، އިންޑިއާ، ސްރީލަންކާ އަދި މެލޭޝިއާ ފަދަ ގައުމުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ގިނަ ބަޔަކު ތިބި ނަމަވެސް، ރީ-ރެޖިސްޓްރީ ކުރި މީހުންގެ އަދަދު މަދުކަމަށް ބުނެ އެ ގައުމުތަކުގައި ފޮށި ނުބެހެއްޓުމަކީ ގިނަ ބައެއްގެ ހައްގު ގެއްލިގެންދިޔަ ކަމެއް ކަމަށެވެ.

މިއަދު ހެނދުނު 8:00 ގައި ފެށިގެން ކުރިއަށްދާ މި އިންތިހާބުތަކުގެ ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު