މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން
މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން
މިނިވަން އިލެކްޝަންސް ކޮމިޝަނަކާއި މިނިވަން ފަނޑިޔާރުގެއެއް ނެތި ކުރިއަށްގެންދާ އިންތިޚާބުތަކުގައި ފެންނާނެ ގޯސްތައް މިއަދު ފެންނަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ އިންތިޚާބުތަކުގައި ވޯޓުލުމުގެ ކަންކަން ރޭވުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ އުސޫލުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ވަކިން ހާއްސަކޮށް، ވޯޓުލާ މީހަކު ވަކި އިންތިޚާބެއްގެ ކަރުދާސް ބޭނުންނުވާނަމަ، އޮބްޒާވަރުންގެ ކުރިމަތީގައި އެކަން އިއުލާންކޮށް، އެ މީހަކު ބޭނުންވާ ކަރުދާސް އެކަނި ދޫކުރުމަށް ކޮމިޝަނުން ނިންމާފައިވާ ނިންމުމަށް އޭނާ ވަނީ

ފާޑުވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ހުސައިން ވިދާޅުވީ، ވޯޓުލާންދާ މީހާއާ އެއްވެސް ސުވާލެއް ކުރުމަކާ ނުލައި ތިން ވޯޓު ކަރުދާސްވެސް ދޭންޖެހޭނެ ކަމަށެވެ.

"ވޯޓުލާނެ ގޮތެއް ނުވަތަ ނުލާނެ ގޮތެއް ކަނޑައަޅާނީ ވޯޓުލާންދާ މީހާ. ވަކި ވޯޓެއް ލާތޯ ނުލާތޯ އިލެކްޝަންސް ކަމިޝަނުގެ މީހަކު ނުވަތަ އެހެން މީހަކުވިޔަސް ވޯޓުލާންދާ މީހާގެ ގާތު އެހުމަކީ ވޯޓަށް ނުފޫޒު ފޯރުވުން،" އަލީ ހުސައިން ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ ހުސައިން ތުހުމަތު ކުރެއްވި ގޮތުގައި، އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ ސަރުކާރު ބޭނުންވާ ގޮތަށް ރިފަރެންޑަމްގެ ވޯޓު ކުރިއަށް ގެންދިއުމަށެވެ. އެކަން ވަރަށް ފާޅުކަން ބޮޑުކޮށް ސާބިތުވާ ކަމަށާއި، އެހެން ނޫންނަމަ ވޯޓުލާ މީހުންގެ ގާތުގައި ވަކި ވޯޓެއްގައި ބައިވެރިވާން ބޭނުންތޯ ނުވަތަ ނޫންތޯ އަހަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ހުސައިން އިތުރަށް ވިދާޅުވީ، މިހާރު ފެންނަމުންދާ މަންޒަރުތަކުން އިލެކްޝަންސް ކޮމިޝަން އޮތީ ސަރުކާރުގެ ފަޅީގައިކަން ހާމަވާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުގެ މިނިވަން ނުވެ އިންތިޚާބުތައް ބޭއްވުމުން ނުކުންނާނެ ނަތީޖާއާ މެދު އޭނާ ވަނީ ސުވާލު އުފައްދާފައެވެ.



ކިޔުންތެރިންގެ ހިޔާލު