އަޝްވާގް ފައުޒީ   4 އޭޕްރީލު 2026 - 18:24
ވޯޓު ގުނުން ކުރިއަށް
ވޯޓު ގުނުން ކުރިއަށް
މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ އިތުރުން ފެންނަ ނުފެންނަ ވޯޓުލުން ނިމި، ބައެއް މަރުކަޒުތަކުގައި ވޯޓު ގުނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

އިންތިހާބުގެ ވޯޓުލާ ކިޔޫތައް ހަވީރު 5:00 ގައި ބަންދުކޮށްފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުގެ މަތިން ވޯޓު ގުނަން ފަށަނީ ފޮށި ބަންދުކުރާތާ 30 މިނެޓު ފަހުންނެވެ.

ނަމަވެސް ބައެއް މަރުކަޒުތަކުގައި ވަގުތު ހަމަވިއިރުވެސް ދިގު ކިޔޫތަކެއް އޮތުމުގެ ސަބަބުން، އެ ތަންތަނުގައި ވޯޓުލުން ނިމި ގުނަން ފެށުން ލަސްވާނެ ކަމަށް ބެލެވެއެވެ.

ވޯޓު ގުނުމުގެ ތަރުތީބު ރޭވިފައިވަނީ އެންމެ ފުރަތަމަ ލޯކަލް ކައުންސިލްތަކުގެ ވޯޓު ގުނާ ގޮތަށެވެ.

އެއަށްފަހު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ފޮށިތައް ގުނުމަށްފަހު، އެންމެ ފަހު ކަމެއްގެ ގޮތުގައި ކުރިއަށްދާނީ ހިޔާލު ހޯދުމުގެ ވޯޓު (ފެންނަ ނުފެންނަ ވޯޓު) ގުނުމުގެ މަސައްކަތެވެ. ގަޑިއަށް ކިޔޫ ބަންދުކުރެވުނު މަރުކަޒުތަކުގެ ނަތީޖާ އިއުލާނު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ހަވީރު 4:00 އާ ހަމައަށް ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 62.98 އިންސައްތަ އެވެ.

އެއީ ޖުމްލަ 185،709 މީހުންނެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ޖުމްލަ 294،876 މީހުންނަށް ލިބިފައިވާއިރު، ހަވީރު 4 ޖެހުމާ ހަމައަށް 109،167 މީހުން ވޯޓުލާން ނުނިކުންނަ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު