އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު-
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު-
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު އިޔާދަކޮށް، ކުރިން އޮތް ގޮތަށް ބަދަލުކުރުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ގޮވާލައްވައިފިއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް މޫސަ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނުއަސާސީގެ 4 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ ބާރުގެ ބޭނުން ރައްޔިތުން ކޮށްފައިވާ ކަމަށެވެ. އަދި ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން އިތުރު ހަރުފަތަކަށް ދާންޖެހޭ ފުރުސަތު ނުދިނުމަށް އޭނާ ވަނީ މަޖިލިސް މެންބަރުންނަށް އިލްތިމާސް ކުރައްވާފައެވެ.

"ތިޔަ މެންބަރުން ނިންމި ގޮނޑި ގެއްލޭ އިސްލާހު އިހު އޮތް ގޮތަށް އިޔާދަކުރައްވާ. އެއީ ބާތިލު ނިންމުމެއް،" މޫސަ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ، ވަކި މުއައްސަސާއަކަށް ބެލުމެއް ނެތި، ގާނޫނުއަސާސީއާ ނުކުޅުމަށް ދިވެހި ރައްޔިތުން ވޯޓުން ބުނެފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައީ 2024 ވަނަ އަހަރު ނޮވެންބަރު 20 ގައެވެ. އެ މައްސަަލަ ހުށަހެޅި ދުވަހު މަޖިލީހުން ފާސްކޮށް، ހަމަ އެދުވަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުވެސް ކުރައްވާފައެވެ.

މި އިސްލާހުގައިވާ ގޮތުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވާ މެންބަރަކު އެ ދައުރުގެ ތެރޭގައި ޕާޓީން ވަކިވުން، ވަކިކުރުން ނުވަތަ އެހެން ޕާޓީއަކަށް ސޮއިކޮށްފި ނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭނެއެވެ. މީގެ އިތުރުން، އަމިއްލަ ގޮތުން އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރި ކަމުގައިވިޔަސް ގޮނޑި ގެއްލޭނެ ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު