ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޭޖަރ (ރިޓަޔަރޑް) މުހައްމަދު ނަޖާހް
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޭޖަރ (ރިޓަޔަރޑް) މުހައްމަދު ނަޖާހް
ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބު ތަކުން ސަރުކާރަށް ނާކާމިޔާބު ވުމާއެކު ސަރުކާރުގެ ހިންގުމަށް ބައެއް ބަދަލުތައް ގެންނަން ފަށައިފިއެވެ.

އެގޮތުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޭޖަރ (ރިޓަޔަރޑް) މުހައްމަދު ނަޖާހް އެ މަގާމުން ވަކިކޮށްފައެވެ. 2024 ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ފެނަކައިގެ އެމްޑީގެ މަޤާމަށް އައްޔަންކުރެއްވި ނަޖާހު މަޤާމުން ވަކިކުރިކަން ޕީސީބީ އިން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އޭނާ މަޤާމުން ވަކިކުރެއްވި ވަކި ސަބަބެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

ނަޖާހު ފެނަކައިގެ އެމްޑީގެ މަޤާމަށް އައްޔަންކުރެއްވީ، ނޮވެމްބަރު 28، 2024 ގައި އެ މަޤާމު ފުރުއްވަމުން ގެންދެވި މުޢާޛު މުޙައްމަދު ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މުޢާޛު ރަޝީދު މަޤާމުން ވަކިކުރަށްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އޭރު ވިދާޅުވީ، އެ ފިޔަވަޅު އެޅުއްވީ ފެނަކައިގެ ކަންކަން ރަނގަޅު ކުރެވޭނެ އިތުރު ގޮތެއް ނެތުމުން ކަމަށެވެ.

ނަޖާހު މަޤާމުން ވަކިކުރެއްވި ސަބަބެއް ރަސްމީކޮށް ހާމަނުކުރި ނަމަވެސް، މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލު ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާތީ، ސަރުކާރަށާއި ފެނަކައަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އޭގެ އިތުރުން ކައުންސިލް އިންތިޚާބާ ދިމާކޮށް ފެނަކައިން ގިނަ ޢަދަދެއްގެ މުވައްޒަފުންނަށް ފިޔަވަޅުތަކެއް އަޅާފައިވުމަކީވެސް މީގެ ސަބަބެއް ކަމަށް ބެލެވެއެވެ.

މަޤާމުން ވަކިކުރި ނަޖާހަކީ ލޮޖިސްޓިކްސް މެނޭޖުމަންޓުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރަށްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ ދިވެހި ސިފައިންގެ ޚިދުމަތުގައި 21 އަހަރު ދުވަހު މަސައްކަތް ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު