މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެއް މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހަފުތާގެ ހޯމަ ދުވަހު އަލުން ފެށުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު މިކަން ހާމަކޮށްފައިވަނީ، މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮންނާތީ އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މީޑިއާއަކަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ އަމީންއާންމު ފާޠިމަތު ނިއުޝާ ވިދާޅުވީ، އަންނަ އޭޕްރިލް މަހުގެ 13 ވާ ހޯމަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ތާވަލުކުރެވިގެން ކުރިއަށްދާނެ ކަމަށެވެ.

ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ މާރިޗު މަހުގެ 8 ވަނަ ދުވަހުއެވެ. އެއީ ނިމިދިޔަ ރަމަޟާން މަސް ނިމެން 11 ދުވަހަށް ވެފައިވަނިކޮށެވެ. އަންނަ ހޯމަ ދުވަހު ޖަލްސާތައް ފަށާއިރު، މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ މިހާރު ވަނީ 35 ދުވަސް ވެފައެވެ.

މަޖިލީހުގެ ގަވައިދު ބުނާގޮތުން، އަހަރުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުވަރީ މަހުގެ 1 އިން ފެށިގެން މެއި މަހުގެ 15 ގެ ނިޔަލަށެވެ. މިއަހަރުގެ ޖަލްސާތައް ފެބްރުވަރީ 5 ގައި ފެށި ނަމަވެސް، މިހާތަނަށް ބޭއްވިފައިވަނީ ވަރަށް މަދު ޖަލްސާތަކެކެވެ. އެގޮތުން ފެބްރުވަރީ މަހު ހަތަރު ޖަލްސާއެއް އަދި މާރިޗު މަހު އެންމެ ޖަލްސާއެއް ވަނީ ބާއްވާފައެވެ.

މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި އޮތް މުއްދަތުގައި ބައެއް ކޮމިޓީ ބައްދަލުވުންތައް ބޭއްވި ނަމަވެސް، ކޮމިޓީތަކުންވެސް މާ ބޮޑު މަސައްކަތްތަކެއް ކުރެވިފައި ނުވާކަން ފާހަގަކުރެވެއެވެ. ބެލެވޭ ގޮތުގައި ޖަލްސާތައް މެދުކަނޑާލީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް މެންބަރުންނަށް ފުރުސަތު ދިނުމަށެވެ.



ކިޔުންތެރިންގެ ހިޔާލު