ރާޅާއެޅުންތެރިޔާ ސައްޔިދު ސަލާހުއްދީނަށް
ރާޅާއެޅުންތެރިޔާ ސައްޔިދު ސަލާހުއްދީނަށް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޭ "ބީއެމްއެލް ސްޕޯޓްސް ސްކޮލަޝިޕް" މިފަހަރު ރާޅާއެޅުންތެރިޔާ ސައްޔިދު ސަލާހުއްދީނަށް ދީފިއެވެ.

މި ސްކޮލަޝިޕަކީ ރާއްޖޭގެ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ބައިނަލްއަގުވާމީ މައިދާނުގައި ކާމިޔާބީ ހޯދުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ދޭ ފުރުސަތެކެވެ. ސައްޔިދު ހޮވާފައިވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާ ގުޅިގެން ކުރިއަށްގެންދިޔަ ހާއްސަ އިވެލުއޭޝަންތަކަށް ފަހުގައެވެ.

މި ސްކޮލަޝިޕްގެ ދަށުން ސައްޔިދުގެ ތަމްރީނުތައް ޗައިނާ، ފިލިޕީންސް އަދި އިންޑޮނޭޝިއާގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އޮސްޓްރޭލިއާގައި ބާއްވާ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތުވެސް އޭނާއަށް ލިބޭނެއެވެ. ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި، ސައްޔިދުގެ ތަމްރީނުތަކާއި މުބާރާތްތަކަށް ބޭނުންވާ ހުރިހާ ހަރަދެއްގެ އިތުރުން، ކުޅިވަރަށް ބޭނުންވާ ސާމާނު ނުވަތަ އިކުއިޕްމެންޓްވެސް މި ސްކޮލަޝިޕްގެ ދަށުން ފޯރުކޮށްދޭނެއެވެ.

ބީއެމްއެލް ސްޕޯޓްސް ސްކޮލަޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

މިހާތަނަށް ޖުމްލަ އަށް އެތުލީޓަކަށް މި ސްކޮލަޝިޕްގެ ދަށުން ތަމްރީނުވުމުގެ ފުރުސަތު ދީފައިވާއިރު، ބޭންކުން އަންނަނީ ފުޓްބޯޅަ، ފަތާ، ޓެނިސް، ބާސްކެޓްބޯޅަ އަދި ސާފިން ފަދަ ގިނަ ކުޅިވަރުތަކެއްގެ ގައުމީ އެސޯސިއޭޝަންތަކާ ގުޅިގެން ކުޅިވަރުގެ ދާއިރާ ހަރުދަނާކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު