ފެނަކައިގެ ޑީއެމްޑީ އާރިފް
ފެނަކައިގެ ޑީއެމްޑީ އާރިފް
ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) މުހައްމަދު އާރިފް ހިމެނޭ ގޮތުން އެކުންފުނީގެ އިސްބޭފުޅުންތަކެއް މަގާމުތަކުން ވަކިކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފެނަކައިގެ ޑީއެމްޑީ އާރިފްގެ އިތުރުން އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ޖިހާދު އަދި ޗީފް ރިސޯސް އޮފިސަރު (ސީއާރްއޯ) އަބްދުﷲ ސަނޫން ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

މި ބަދަލުތަކަކީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓަށްފަހު ސަރުކާރުގެ ކުންފުނިތަކަށް ގެންނަން ފަށާފައިވާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި އެ ވޯޓުގައި ސަރުކާރަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

އެ އިންތިހާބަށްފަހު، ދައުލަތުގެ އެކި ކުންފުނިތަކުގެ އިސްވެރިން ވަނީ މަގާމުތަކުން ވަކިކޮށްފައެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އާއި، އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިން ޑިރެކްޓަރު ހުސައިންދީދީ ހިމެނެއެވެ. މީގެ އިތުރުން، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވެސް ވަނީ ސަރުކާރުން އަންގައިގެން މިރޭ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ހަމައެއާއެކު އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ ޝާހިދުގެ އިތުރުން އެޗްޑީސީގެ ޑީއެމްޑީގެ މަގާމުން އަސްބާހް ވެސް ވަކިކޮށްފައިވެއެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ދަރިފުޅު، ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި، އަސްމާގެ ކޮއްކޮ، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އާއި، އަސްމާގެ ދަރިފުޅު، ފިޝަރީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފް ވެސް މަގާމުން ވަކިކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އިންތިހާބުގެ ނާކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ކަންކަން އިސްލާހު ކުރަށްވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު