ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލާ ރައްޔިތުން މަގު ތަކަށް
ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލާ ރައްޔިތުން މަގު ތަކަށް
މި ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުތަކާއި، އިންތިޚާބުތައް އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ނެގި ރެފަރެންޑަމް ވޯޓުން ސަރުކާރަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ރައްޔިތުން ދިން ވަރުގަދަ "ރެޑް ސިގްނަލެއް" ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަން ފަށައިފިއެވެ.

މި އިންތިޚާބުތަކުގައި ގިނަ ގޮނޑިތައް އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، ސަރުކާރުން ވަކާލާތުކުރި ގޮތާ ދެކޮޅަށް ރެފަރެންޑަމް ވޯޓުގައި 68 އިންސައްތަ ރައްޔިތުން ވަނީ "ނޫނެކޭ" ބުނެފައެވެ.

މިއީ ވެރިކަމަށް އައުމަށް ދެއްކި ފޮނި ހުވަފެންތަކާއި ވީ ވައުދުތަކާ އެއްގޮތަށް އަމަލީ މަސައްކަތް ނުފެނުމާއި، ރައްޔިތުންގެ ވިންދާ ދެކޮޅަށް ސަރުކާރުން ނިންމަމުންދާ ނިންމުންތަކުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަން ހާމަކޮށްދޭ ނަތީޖާއެއް ކަމަށް ބެލެވެއެވެ.

މި ނާކާމިޔާބީއާ ގުޅިގެން ސަރުކާރަށް އޮތް ތާއީދު ކުޑަވެފައިވާކަން ފާހަގަކޮށް، ކުރީގެ ރައީސް ޔާމީންގެ ޕާޓީ، ޕީއެންއެފްއިން މިހާރު ވަނީ ރައީސް މުޢިއްޒުގެ އިސްތިއުފާއަށް ގޮވާލައި މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ސިލްސިލާ އެއްވުންތަކެއް ފަށާފައެވެ.

އެ އެއްވުންތަކުގެ ބައިވެރިން ބުނަމުންދަނީ ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ އިރުޝާދާއެކު ވެރިކަން ކުރައްވާނެ ކަމަށް ވިދާޅުވެ ލިބުނު 129,000 ވޯޓުން ކަމަށްވީ ނަމަވެސް، ވެރިކަން ލިބުމާއެކު ފެނިގެންދިޔައީ "ހިޔާނާތްތެރިކަމާއި އޮޅުވާލުން" ކަމަށެވެ. އެންމެ ފަހުން ބޭއްވި މި ވޯޓުގައި ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރީ އެންމެ 62,000 އެއްހާ މީހުން ކަމަށްވާއިރު، މިއީ ރައީސް މުޢިއްޒަކީ މިހާރު ރައްޔިތުންގެ ތާއީދު އޮތް ވެރިއެއް ނޫންކަން ސާބިތުވާ ކަމެއް ކަމަށް ޕީއެންއެފްގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

އިގްތިސާދީ ގޮތުން ރައްޔިތުންގެ ޖީބަށް ތަދުވެ، އަސާސީ ޚިދުމަތްތަކުގެ އަގު އުފުލެމުންދާއިރު، ސަރުކާރުން އިސްކަންދެނީ ސިޔާސީ ބަދަލުހިފުމަށާއި މަގާމުތައް އިތުރުކުރުމަށް ކަމަށް ބުނެ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.

ސިޔާސީ މުހައްލިލުން މި ނާކާމިޔާބީ ސިފަކުރަނީ "ސަރުކާރުގެ ނިމުމުގެ ފެށުން" ގޮތުގައެވެ. ރައްޔިތުންގެ ބާރުގެ ކުރިމަތީގައި ސަރުކާރު އިސްޖަހަން ޖެހިފައިވާއިރު، މިހާރުން މިހާރަށް ސަރުކާރުގެ މިސްރާބު ބަދަލުނުކޮށްފިނަމަ، ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ހިތްދަތި ނަތީޖާތަކާ ކުރިމަތިލާންޖެހޭނެކަން މި އިންތިޚާބުން ވަނީ ކަށަވަރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު