ސ. ފޭދޫ، ޝީރާޒީގެ، ޢަލީ ސާއިމް (32 އ)
ސ. ފޭދޫ، ޝީރާޒީގެ، ޢަލީ ސާއިމް (32 އ)
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި ހުކުމް އިއްވާފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރީލް 7 ވަނަ ދުވަހުއެވެ. ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، 12 އަހަރާއި 6 މަސް ދުވަހުގެ ޖަލު ހުކުމާއެކު 50,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފައިވަނީ ސ. ފޭދޫ، ޝީރާޒީގެ، ޢަލީ ސާއިމް (32 އ) ގެ މައްޗަށެވެ.

މަސްތުވާތަކެތި ގެންގުޅުމާއި، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ސާއިމް ހައްޔަރުކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓް 19 ވަނަ ދުވަހުއެވެ. ތަހުގީގު ނިންމައި، ދައުވާ އުފުލުމަށް ފުލުހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު 16 ވަނަ ދުވަހުއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއް ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މަސްތުވާތަކެތީގެ ވަބާއަކީ މިއަދު ދިވެހި މުޖުތަމަޢަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ބަލިމަޑުކަން ކަމަށްވާއިރު، މިފަދަ ހުކުމްތަކަކީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދައުލަތުގެ ކަމާ ގުޅުންހުރި ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ ހެއްކެކެވެ.



ކިޔުންތެރިންގެ ހިޔާލު