އޭޑީއެޗްޑީ ތަހައްމަލްކުރަމުންދާ އަންހެނެއް
އޭޑީއެޗްޑީ ތަހައްމަލްކުރަމުންދާ އަންހެނެއް
އޭޑީއެޗްޑީ ހުންނަ ނަމަވެސް އެކަން ދެނެގަނެވިފައި ނުވާ އަންހެނުންނަކީ، އާންމު ގޮތެއްގައި އެފަދަ ބައްޔެއް ހުރެދާނެ ކަމަށް އެއްވެސް މީހަކު ޝައްކުވެސް ނުކުރާނެ ފަދަ ބައެކެވެ. އެމީހުންނަކީ ދިރިއުޅުމުގައި ކަންކަމަށް ނުހަނު ސަމާލުކަމެއްދީގެން، ވަރަށް ރޭވުންތެރި، ކަންކަން ތަރުތީބުން ކުރާ ބައެކެވެ. ކުދިންގެ ޑޮކްޓަރުގެ އެޕޮއިންޓްމަންޓްތަކާއި، ވަޒީފާގެ ޒިންމާތަކާއި، ރަށްޓެހިންގެ އުފަންދުވަހުގެ ހަދިޔާތައް މަތިން އެމީހުން ހަނދާން ހުރެއެވެ. ނަމަވެސް، ގޭގައި ކުރަން ހުންނަ ކިތައްމެ ކުޑަކަމެއް ނުކުރެވި އަތުން ދޫވެއްޖެ ނަމަ، އެމީހުންނަކީ އަމިއްލަ ނަފްސާ މެދު ލަދުވެތިވެ، ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކުރުވާ ބައެވެ.

މިފަދަ އަންހެނުން އެމީހުންގެ މުޅި ހަޔާތް ހޭދަކުރަނީ ހިތުގެ ތެރޭގައިވާ ހަލަބޮލިކަން ފޮރުވުމަށްޓަކައި އެކި ކަހަލަ އުސޫލުތައް ބިނާކުރުމުގައެވެ. ކުލަ ކޮށްފައިވާ ކަލަންޑަރުތަކާއި، ނިމުމެއް ނެތް "ޓޫ-ޑޫ" ލިސްޓުތަކާއި، ދަންވަރު މެސެޖުތަކަށް ޖަވާބު ދިނުމަކީ އެމީހުންގެ އާދައެވެ. ގިނަ ފަހަރަށް އެމީހުން ގަބޫލުކުރަނީ އެމީހުންނަށް ދިމާވާ އުނދަގޫތަކަކީ އަމިއްލަ ނަފްސުގެ ނާގާބިލުކަމެއް ކަމަށެވެ. އެއީ ކަންނެތްކަން، ނުވަތަ މާ ބޮޑަށް "ސެންސިޓިވް" ވުން ކަމަށް އެމީހުން ދެކެއެވެ. ދިރިއުޅުމުގެ ކަންކަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހެން މީހުންނަށްވުރެ ދެގުނަ އިތުރަށް އެމީހުން މަސައްކަތް ކުރެއެވެ. އަދި އެކަން ކާމިޔާބު ނުވުމުން އަމިއްލަ ނަފްސު ކުށްވެރިވެސްކުރެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އޭޑީއެޗްޑީ ހުންނަ އަންހެން ކުދިން، އެކުދިންގެ ކިބައިން ފެންނަ އަލާމާތްތަކަކީ ސިކުނޑީގެ ނާރުތަކުގެ ތަފާތެއް ކަމަށް ދެކުމުގެ ބަދަލުގައި، އެއީ އަމިއްލަ ސަހްސިއްޔަތުގެ އުނިކަމެއް ކަމަށް ގަބޫލުކުރުން މާ ގިނައެވެ. މީގެ ސަބަބުން ފިރިހެން ކުދިންނާ އަޅާބަލާއިރު، އަންހެން ކުދިންނަށް ހާސްކަމާއި، މާޔޫސްކަމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުމުގެ މައްސަލަތައް ކުރިމަތިވުން މާ ގާތެވެ.

މި އުނދަގޫތައް ފޮރުވުމަށް އެމީހުން ކުރާ މަސައްކަތް ވަރުގަދަކަމުން، ސިއްހީ ހިދުމަތްތެރިންނަށް ވެސް މިކަން ދެނެގަންނަން އުނދަގޫވެއެވެ. އަންހެނުންގެ ކިބައިން ފެންނަ އޭޑީއެޗްޑީގެ އަލާމާތްތައް ފިރިހެނުންނާ ވަރަށް ތަފާތެވެ. އެމީހުންގެ ކިބައިން ފެންނަނީ މާ ބޮޑަށް ހަރަކާތްތެރިވުމުގެ ބަދަލުގައި، އިހުސާސްތައް ކޮންޓްރޯލް ކުރަން އުނދަގޫވުމާއި، ހިމޭންކަމާއެކު ދުނިޔެއާ ވަކިވެފައި ހުރުމެވެ. ބަލި ދެނެގަތުމަށް ބޭނުންކުރާ މިންގަނޑުތައް ހެދިފައިވަނީ ފިރިހެނުންގެ ފުށުން ފެންނަ އަލާމާތްތަކަށް ބިނާކޮށް ކަމަށްވާތީ، ފިރިހެން ކުދިންނަށް ކުޑައިރު މި ބަލި ހުރިކަން އެނގުމުގެ ފުރުސަތު ތިން ގުނަ އިތުރެވެ. އެހެންކަމުން، އަންހެނުން ކުރަނީ އަބަދުވެސް ކުރަމުން އައި ކަމެވެ؛ ކެތްކުރެވެން އޮތް މިންވަރަކަށް ކެތްކޮށްގެން ކަންކަމާ ކުރިމަތިލަނީއެވެ.

ކެތްތެރިކަން ކޮޅުންލާ ހިސާބު:

ދުނިޔޭގެ ތަޖުރިބާކާރު ޑޮކްޓަރުން އެމީހުންގެ ތަޖުރިބާއަލީގައި ވިދާޅުވާ ގޮތުގައި ގިނަ އަންހެނުންނަށް މި ބަލި ހުރިކަން އެނގެނީ ދަރިން ލިބޭ ހިސާބުން ފެށިގެން އިއްދައިން ވަކިވާ ދުވަސްވަރާ ދެމެދުގައެވެ. ޑޮކުޓަރުން ވިދާޅުވާ ގޮތުގައި 2020 އާއި 2022 އާ ދެމެދު، އުމުރުން 30 އާއި 49 އަހަރާ ދެމެދުގެ އަންހެނުންނަށް އޭޑީއެޗްޑީގެ ބޭސް ދޫކުރި މިންވަރު 20 އިންސައްތަ އިތުރުވެފައިވެއެވެ. ނަމަވެސް، މިއީ ހަމައެކަނި ކުރިއެރުމެއް ކަމަށް ބަލައިގެން ފުއްދާލެވޭކަށް ނެތެވެ. މިއީ ސިއްހީ މައްސަލައެއްގެ އިތުރުން، މުޖުތަމައުން އަންހެނުންނަށް ލިބެންޖެހޭ އެހީތެރިކަން ނުލިބުމުގެ ނަތީޖާއެއް ކަމަށް ވެސް އެބޭފުޅުންވަނީ ލަފާ ކޮށްފައެވެ.

މިކަމުގައި ދެ ހަގީގަތެއް އެކުލެވިގެންވެއެވެ. އެއް ކަމަކީ، 1990 ގެ އަހަރުތަކާ ހަމައަށް އޭޑީއެޗްޑީގެ ދިރާސާތަކުގައި އަންހެނުން ބައިވެރިކޮށްފައި ނުވުމުގެ ސަބަބުން، އަންހެނުންގެ ކިބައިން މި ބަލި ދެނެގަނެވިފައި ނެތުމެވެ. އަނެއް ކަމަކީ، ދަރިން ބެލުމާއި ގޭތެރޭގެ ކަންކަން ބެލެހެއްޓުމުގައި އަންހެނުންނަށް މުޖުތަމައުން އެއްވެސް އެހީތެރިކަމެއް ނުލިބުމެވެ. ދަރިން ލިބުމުން މުސާރައާއެކު ޗުއްޓީ ނުލިބުމާއި، ކުދިން ބަލާ މަރުކަޒުތަކުގެ އަގު ބޮޑުވުމަކީ އަންހެނުންނަށް އޮތް ބޮޑު ތަކުލީފެކެވެ.

ސިކުނޑީގެ މަސައްކަތްތައް ފުރިހަމައަށް ހުރި މީހަކަށް ވެސް، އެހީތެރިކަމެއް ނެތި ކުދިން ބެލުމަކީ ބޮޑު ތަކުލީފެކެވެ. އޭގެ މައްޗަށް އޭޑީއެޗްޑީ އިތުރުވުމުން، އެއީ އިންތިހާއަށް އުނދަގޫ ކަމަކަށް ވެގެންދެއެވެ. އެންމެންގެ ތާވަލުތަކާއި ބޭނުންތައް ބެލެހެއްޓުމަކީ ކޮންމެ މީހަކުވެސް ބަލިކޮށްލާނެ ކަމެކެވެ. އެހެންކަމުން، އަންހެނަކު އައިސް އޭނާއަށް އެއްވެސް ކަމެއް ތަރުތީބު ނުކުރެވޭ ކަމަށާއި، އަމިއްލަ ނަފްސު ގެއްލިއްޖެ ކަމަށް ބުނުމުން، އެއީ އޭޑީއެޗްޑީގެ ސަބަބުން ވާކަމެއްތޯ ނުވަތަ އޮތް ހާލަތުގެ ގޮތުން ވާކަމެއްތޯ ސުވާލު އުފެދެއެވެ. ގިނަ ފަހަރަށް އެއީ މި ދެކަމުގެ ވެސް ނަތީޖާއެވެ.

އިސްޓްރަޖަން ހޯރމޯންގެ ގުޅުން:

އަންހެނުންގެ ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން މި އަލާމާތްތައް އިތުރަށް ގޯސްވެއެވެ. ސަމާލުކަމާއި ހަނދާން ބެލެހެއްޓުމަށް އެހީތެރިވާ "ޑޯޕަމީން" ރެގިއުލޭޓް ކުރުމުގައި އިސްޓްރަޖަން މުހިންމު ދައުރެއް އަދާކުރެއެވެ. ވިހެއުމަށްފަހު ނުވަތަ އިއްދައިން ވަކިވާ ދުވަސްވަރު އިސްޓްރަޖަންއަށް އަންނަ ބަދަލުތަކާއެކު އޭޑީއެޗްޑީގެ އަލާމާތްތައް ވަރަށް ބޮޑަށް އިތުރުވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި 70 އިންސައްތަ އަންހެނުންނަށް މި ދުވަސްވަރު އަލާމާތްތައް ގޯސްވާކަން ފާހަގަކުރެވުނު ނަމަވެސް، ގިނަ މީހުންނަށް މި މައުލޫމާތެއް އެނގިފައެއް ނުވެއެވެ.

އެންމެ ދެރަ ކަމަކީ، މި ބަދަލުތައް އަންނަނީ އަންހެނުންނަށް އެންމެ އެހީތެރިކަން ބޭނުންވާ، އަދި އެހީތެރިކަން އެންމެ ކުޑަ ދުވަސްވަރު ކަމަށް ވުމެވެ. ވަޒީފާގެ ކުރިއެރުމާއި، ދަރިންގެ ކަންކަމާއި، ދުވަސްވީ މައިންބަފައިންގެ ކަންކަން ބަލަހައްޓަން ޖެހޭ ވަގުތު ހޯރމޯންއަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިން ކެތްކުރެވުނު ކަންކަމަށް ކެތްނުކުރެވޭ ހިސާބަށް ދެއެވެ. ޑޮކްޓަރުންނަށް ވެސް މިކަން ނޭނގޭތީ، އަންހެނުން ގަބޫލުކުރަނީ އެމީހުން "ހަލާކުވަނީ" ކަމަށެވެ. ހަގީގަތަކީ އެމީހުންގެ ސިކުނޑި އެ ހާލަތަށް އިޖާބަދެނީ ކަމެވެ.

ސިއްހީ ނިޒާމުގެ އިހުމާލު:

މި ހުރިހާ ކަމެއްގެ ތެރެއިން އެންމެ ހިތާމަވެރި ކަމަކީ ސިއްހީ ނިޒާމުން މިފަދަ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފޭލްވެފައިވާ މިންވަރެވެ. ހިޔާލީ ދުނިޔެއެއްގައި އުޅޭ ނުވަތަ މާ ގިނައިން ވާހަކަދައްކާ އަންހެން ކުދިންނަށް އަޅައެއް ނުލެވެއެވެ. ހާސްކަން ބޮޑުވެ، މާ ގިނަ ޒިންމާތަކުގެ ސަބަބުން ވަރުބަލިވެފައިވާ އަންހެނުންނަކީ މާޔޫސްބަލި ޖެހިފައިވާ ނުވަތަ "ހޯރމޯން" މައްސަލައެއް ހުރި ބައެއްގެ ގޮތުގައި ލޭބަލް ކުރެވެއެވެ. ގިނަ ފަހަރަށް އޭޑީއެޗްޑީއަށް ވިސްނާލުމުގެ ކުރިން، އެމީހުންނަށް ދެވެނީ މާޔޫސްބަލީގެ ބޭހެވެ. ޑޮކްޓަރުންގެ ފަރާތުން ލިބޭ ޖަވާބަކީ "ތިޔައީ ހަމައެކަނި ސްޓްރެސް" ނުވަތަ "މާ ގިނަ ކަންކަމާ އުޅޭތީ ވާގޮތް" ކަމަށެވެ.

އަޅުގަނޑުގެ ގާތަށް އަންނަ ބައެއް ބަލިމީހުންނަށް އަހަރުތަކެއް ވަންދެން އެމީހުންގެ މައްސަލަތަކަކީ ސީރިއަސް ކަންކަން ނޫން ކަމަށް ބުނެފައިވެއެވެ. ބައެއް މީހުންނަށް އެއްވެސް ފައިދާއެއް ނުކުރާ ބޭސްތައް ދީފައިވެއެވެ. އަދި ބައެއް މީހުންނަށް ޔޯގާ ފަދަ ކަންކަން ކުރަން ލަފާދީފައިވަނީ، ނާރުގެ ނިޒާމަށް ޖެހިފައިވާ ސީރިއަސް މައްސަލައަކަށް އެއީ ހައްލެއް ކަމަށް ދެކިގެންނެވެ.

ބަލި ހުރިކަން ދެނެގަނެވުން:

އަންހެނަކަށް އެންމެ ފަހުން އޭނާގެ ހަށިގަނޑުގައި އޭޑީއެޗްޑީ ހުރިކަން އެނގުމުން، އޭގެ އިހުސާސްތައް ވަރަށް ތަފާތެވެ. އެއީ މުޅި ހަޔާތުގައި ކުރިމަތިވި އުނދަގޫތަކުގެ ތަފްސީލު ލިބުމުން ލިބޭ ހިތްހަމަޖެހުމެކެވެ. އެއީ ހަމައެކަނި ހިތަށް އަރާ ކަންތައްތަކެއް ނޫންކަން އެނގުމުން ލިބޭ ހިތްވަރެކެވެ. ނަމަވެސް، އެކަނިވެރިކަމުގައި ހޭދަވި އަހަރުތަކާއި، އަމިއްލަ ނަފްސު ކުށްވެރިކުރުމުގައި ހޭދަވި ވަގުތުތަކަށްޓަކައި ހިތާމަވެސް ކުރެއެވެ.

މީގެ އިތުރުން، ބަލި އެނގުމުން ވެސް މުޖުތަމައުގެ މައްސަލަތައް ހައްލެއް ނުވެއެވެ. ސިކުނޑިއަށް ޑޯޕަމީން ބޭނުންވާކަން އެނގުނަސް، ކުދިން ބަލާނެ މީހަކު ނުވަތަ ގޭތެރޭގެ ޒިންމާ އުފުލާނެ ބައިވެރިއަކު އަމިއްލައަކަށް ނުއުފެދެއެވެ. ބޭހުގެ ސަބަބުން ސަމާލުކަން އިތުރުކުރެވުނަސް، މުޖުތަމައުގެ ނިޒާމުތަކުގައި ހުރި އުނިކަންތައްތައް ބޭހަކުން ރަނގަޅެއް ނުކުރެވޭނެއެވެ.

އަންހެނުންނަށް އަޅުގަނޑު ދޭން ބޭނުންވާ މެސެޖު:

މުޖުތަމައުން ތިޔަބޭފުޅުންނަށް އެހީތެރިކަން ނުދިނުމަކީ، ތިޔަބޭފުޅުންގެ ސިއްހީ ހާލަތަކީ ނެތް އެއްޗެއް ކަމަށް ބެލެވޭނެ ސަބަބެއް ނޫނެވެ. ބަލީގެ ހަގީގަތާއި މުޖުތަމައުގެ ފޭލްވުމަކީވެސް ހަގީގަތެކެވެ. މި ދެކަމަށްވެސް ސަމާލުކަން ދޭންޖެހެއެވެ.

ފަރުވާ ދިނުމަކީ ނުހަނު މުހިންމު ކަމެކެވެ. އެއީ ބޭސްފަރުވާއާއި، ނަފްސާނީ އެހީތެރިކަމާއި، މުޖުތަމައުގެ އެއްބާރުލުން ކަމުގައި ވިޔަސްމެއެވެ. ނަމަވެސް، ފަރުވާ ލިބުނު ކަމުގައި ވިޔަސް، ގިނަ އަންހެނުންނަށް އުޅެން ޖެހިފައިވަނީ ކޮންމެ މީހަކުވެސް ނަފްސާނީ ގޮތުން ބަލިކޮށްލާފަދަ ދަތި އުނދަގޫ ހާލަތްތަކެއްގައި ކަމަށް އަޅުގަނޑުމެން އިިއުތިރާފުވާން ޖެހެއެވެ.

އަންހެނުންގެ ކިބައިން އޭ.ޑީ.އެޗް.ޑީ (ADHD) ގެ އަލާމާތްތައް ހަގީގަތުގައި ފެންނަ ގޮތްތައް ފުރިހަމައަށް ދެނެގަނެވޭނެ ފަދަ ޚާއްޞަ ވަސީލަތްތަކެއް އަޅުގަނޑުމެން ބޭނުންވެއެވެ. އަދި ހޯރމޯންތަކާއި ޑޯޕަމީންއާ ހުރި ގުޅުން ރަނގަޅަށް ދަންނަ ޑޮކްޓަރުންވެސް ބޭނުންވެއެވެ. އެކަނބަލުންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ އެކަށީގެންވާ ނިޒާމެއް ގާއިމުވެފައި ނެތް ހާލަތުގައި، އެމީހުން ކުރިމަތިލާ ގޮންޖެހުންތަކަކީ އަމިއްލަ ނުކުޅެދުންތެރިކަމެއް ކަމަށް ބުނުން މިހާރުން މިހާރަށް ހުއްޓާލަން ޖެހެއެވެ.

ސަބަބަކީ، އެކަނބަލުންނަކީ ބަލިކަށިވެ، ހިތްވަރު އެލިފައިވާ ބައެއް ނޫނެވެ. އެކަނބަލުންނަށް އެހީތެރިވާންޖެހޭ ނިޒާމުތަކުން އެކަންކަމަށް ފުރަގަސްދެމުންދާއިރުވެސް، އެކަނބަލުން ދަނީ އަމިއްލަ ހިތްވަރާއި ނުހަނު ބޮޑު ގުރުބާނީއާއެކު ދިރިއުޅުމުގެ ހުރިހާ ކަމެއް ހިފަހައްޓައި ބަލަހައްޓަމުންނެވެ. މީގެ އެތައް އަހަރެއް ކުރިންވެސް އެކަނބަލުންނަށް މިއަށްވުރެ ރަނގަޅު ގޮތްތަކެއް ހައްގުވެއެވެ. އަދި މިއަދުވެސް އެކަނބަލުންނަށް މިއަށްވުރެ ފުރިހަމަ އަޅާލުމާއި އެހީތެރިކަން ހައްގުވެއެވެ.



ކިޔުންތެރިންގެ ހިޔާލު