މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި 2005 ވަނަ އަހަރުން ފެށިގެން ހުންނެވި، ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޠާރިޤް (މަނަދޫ ޠާރިޤް) އަށް އެނގިވަޑައިގަތުމެއް ނެތި އޭނާ ޕީއެންސީއަށް ބަދަލުކުރި މައްސަލާގައި ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނެތުމުން އެ މައްސަލަ ފައިލްކޮށްފައިވާ ކަމަށް ފުލުހުން އަންގައިފިއެވެ.

މި މައްސަލައަކީ އެމްޑީޕީ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަދި މިހާރު އެ ޕާޓީގެ މަނަދޫ ދާއިރާގެ ރައީސްގެ މަގާމުގައި ހުންނެވި ޠާރިޤްގެ ނަން އޭނާއަށް ނޭނގި ޕީއެންސީގެ ދަފްތަރުގައި އޮތުމުން، އޭނާގެ ޒާތީ މައުލޫމާތު ވަގަށް ބޭނުންކޮށްގެން ފޯމު ފުރާފައިވާ ކަމަށް ބުނެ 2024 ޑިސެމްބަރު މަހު ފުލުހަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ޠާރިޤަށް ދިން ޖަވާބުގައި ބުނެފައިވަނީ، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މި މައްސަލަ އިތުރަށް ދިރާސާކުރިއިރު، ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން، ޕީޖީ އޮފީހުން އެ މައްސަލަ ބަލައިނުގަނެ އަނބުރާ ފޮނުވާލާފައިވާތީ، "އިތުރަށް ފިޔަވަޅު ނާޅާ ގޮތަށް" މި މައްސަލަ މިހާރު ފައިލްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ މި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކުރަށްވަމުން ޠާރިޤް ވިދާޅުވީ، ފޯމުގައި ހެކިންގެ ގޮތުގައި ސޮއިކޮށް، އިނގިލީގެ ނިޝާން ޖެހީ ކޮން ބައެއްކަން އެނގެން އޮންނާނެ ކަމަށެވެ. އަދި ޕާޓީގެ ފަރާތުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ސޮއިކުރީ ކާކުކަން ބަލައި، އިލެކްޝަންސް ކޮމިޝަނުން ދަފްތަރު ބަދަލުކުރީ ކާކުކަންވެސް ހޯދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ހެކިތައް ހުއްޓާ މައްސަލަ ފައިލް ކުރުމުން، އިލެކްޝަންސް ކޮމިޝަނަށް އިތުބާރު ކުރެވިދާނެތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ތެރޭގައި ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާ ކަމަށް އެ ޕާޓީން ކުރިން ވަނީ އެއްބަސްވެފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގިނަ އަދަދެއްގެ ފޯމު ހުށަހެޅުނު އިރު މަދުން ނަމަވެސް ސައްހަ ނޫން ފޯމު ހުށަހެޅިފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް، ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގާބިލްކަން އެ ޕާޓީގައި ނެތް ކަމަށްވެސް ޕީއެންސީން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު