ފޮޓޯ: އިލެކްޝަން ކޮމިޝަން
ފޮޓޯ: އިލެކްޝަން ކޮމިޝަން
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބާ ގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާއަކާ ގުޅިގެން، އެ ރަށު ދެ ނަންބަރު ވޯޓު ފޮށީގެ ސެކިއުރިޓީ އުރަ ކަނޑައި، ވޯޓުތައް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، މީދޫ ކައުންސިލް ރައީސްގެ ވޯޓު އަލުން ގުނުމަށް ނިންމީ އެ އިންތިޚާބުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހިގެން ހުށަހެޅި ޝަކުވާއަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ. މި ނިންމުމާ އެއްގޮތަށް، އެ ފޮށީގެ ސެކިއުރިޓީ އުރަ މިއަދު ހަވީރު ކެނޑުމަށް ވަނީ ތާވަލުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓު ކަރުދާސްތައް އަލުން ގުނުމުގެ މަސައްކަތް ކުރިއަށްދާ ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވުމުގެ ފުރުސަތު މީޑިއާތަކަށް ހުޅުވާލައި، އެ ކަވަރޭޖަށް ދައުވަތު ދީފައެވެ. މިއީ އިންތިޚާބީ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނުން އަޅާ ފިޔަވަޅެކެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައިވާ ވަގުތީ ނަތީޖާ މިހާރު ދައްކާ ގޮތުން، ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓް ސުހާ އިބްރާހިމްއަށް 392 ވޯޓު ލިބިފައިވާއިރު، އެމްޑީއޭގެ ކެނޑިޑޭޓް މުހައްމަދު ޝާހިދުއަށްވެސް ލިބިފައިވަނީ 392 ވޯޓެވެ. މީގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރެއްވި އެ ރަށު ކައުންސިލްގެ މިހާރުގެ ރައީސް އިބްރާހިމް ނަސީމްއަށް ލިބިފައިވަނީ 100 ވޯޓު ކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.

ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބަށް ހަފްތާއެއް ވާން ގާތްވެފައިވާއިރު، ބައެއް ދާއިރާތަކުގެ ނަތީޖާއާ މެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން އަދިވެސް ބައެއް ގޮނޑިތަކުގެ ނަތީޖާ ކަށަވަރު ނުވެ ހުރިކަން ފާހަގަކުރެވެއެވެ. މީދޫ ކައުންސިލް ރައީސްގެ ގޮނޑިއަކީވެސް މިފަދަ ޝަކުވާތަކެއް ހުރި ދާއިރާއެކެވެ.



ކިޔުންތެރިންގެ ހިޔާލު