މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލް އަށް ސިޔާސީ ގޮތުން އައްޔަނުކޮށްފައިވާ 85 މީހަކަށް، މުސާރައިގެ ގޮތުގައި ކޮންމެ މަހަކު ދައުލަތުގެ ބަޖެޓުން 2.1 މިލިއަން ރުފިޔާ ހަރަދު ކުރަމުންދާކަން ދޭހަވާފަދަ ލިޔުމެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ދައުރުވަމުންދާ ލިޔުމުގައި ވާގޮތުން، މި 85 މުވައްޒަފުންނަކީ އެމްއޭސީއެލްގައި އަމަލީ ގޮތުން ވަޒީފާއަށް ނުކުމެ މަސައްކަތް ކުރާ ބައެއް ނޫން ނަމަވެސް، މަހު މުސާރަ ލިބެމުންދާ މީހުންނެވެ. މީސްމީޑިއާގައި އާންމުވެފައިވާ ލިސްޓުން އެނގޭ ގޮތުގައި، މި މީހުންނަށް މުސާރައިގެ ގޮތުގައި 20،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދުތަކެއް ދަނީ ދެމުންނެވެ.

ދައުރުވަމުންދާ ލިޔުމުގައިވާ ގޮތުން މަހަކު ބައި ލައްކަ ރުފިޔާގެ މުސާރަ ލިބޭ މީހުންގެ ތެރޭގައި ސިޓީސް މިނިސްޓަރު އާދަމް ޝަރީފްގެ އަނބިކަނބަލުން ޒީނާޒު އަދުދާނުގެ އިތުރުން، ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެންބަރުންނާއި، ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިން ތަކަކަށްވެސް އެމްއޭސީއެލްއިން މުސާރަ ދެމުންދާކަން ވަނީ ހާމަވެފައެވެ. ލީކުވެފައިވާ ލިސްޓުގައިވާ ގޮތުން، ކުރީގެ ނޫސްވެރިއަކަށްވެސް މަހަކު 40،000 ރުފިޔާގެ މުސާރައެއް ދެއެވެ.



އެމްއޭސީއެލްގެ ސިޔާސީ މުވައްޒަފުންގެ ލިސްޓު ކަމަށްބުނެ ދައުރުކުރާ ލިސްޓް


މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުން ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންދަވަނީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ފަރާތްތައް މަޤާމްތަކުން ވަކިކުރަމުންނެވެ. އޭގެ ތެރޭގައި އެމްއޭސީއެލްއަށް ނަގާފައިވާ ގިނަ ބަޔަކު ހިމެނޭ ކަމުގެ ޚަބަރުތައް ދަނީ ދައުރުވަމުންނެވެ.

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ބުނާ މި ދަނޑިވަޅުގައި، އެމްއޭސީއެލް ފަދަ ކުންފުންޏަކުން އެއްވެސް މަސައްކަތެއް ނުކުރާ ބަޔަކަށް މަހަކު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރަމުންދާ މައްސަލައިގައި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އެކުންފުންޏަށް ވަނީ އަމާޒުވެފައެވެ. މިކަމާ ގުޅިގެން އެމްއޭސީއެލް އިން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު