ބަންގްލަދޭޝްގައި ރޭޕް އާއި ދެކޮޅަށް އަޑު އުފުލައި މުޒާހަރާކުރަނީ
ބަންގްލަދޭޝްގައި ރޭޕް އާއި ދެކޮޅަށް އަޑު އުފުލައި މުޒާހަރާކުރަނީ
ބަނގްްލަދޭޝްގައި ރޭޕާއި ޖިންސީ ގޯނާގެ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާ ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ރޭޕް ކުރާ މީހުން މެރުމަށް ގާނޫނުގައި ކަނޑައެޅުމަށް ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން ހޯމަ ދުވަހު ބޭއްވި ނޫސް ވެރިންގެ ބައްދަލުވުމުގައި، ރޭޕް ކުރާ މީހުން މެރުމަށް ހުށައަޅާފައިވާ ގާނޫނީ އިސްލާހު ބަންގްލަދޭޝްސަރުކާރުގެ ކެބިނެޓުން ބަލައިގަނެ، ރޭޕް ކުރާ މީހުން މެރުމަށް ގާނޫން ފާސްކުރުމަށް ކެބިނެޓުން ވަނީ ނިންމައިފައެވެ.

ގާނޫނަށް ގެނެވޭ އިސްލާހު ފާސްވެއްޖެނަމަ، ރޭޕް ކުރިކަމުގެކުށް ސާބިތުވެއްޖެ ނަމަ، އެމީހަކު މެރުމަށް ނުވަތަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި މިއަންނަ ހަފްތާގައި ބަންގްލަދޭޝްގެ ޤާނޫނު ހަދާމަޖުލީހުން މިއިސްލާހު ފާސްކޮށް ތަސްދީޤުކުރާނެކަމަށް، ބަންގްލަދޭޝްގެ ލޯ އެންޑް ޖަސްޓިސް މިނިސްޓަރު އަނީސުކް ހުގް ވިދާޅުވެފައިވެއެވެ.

ބަންގްލަދޭޝްގައި ރޭޕް އާއި ދެކޮޅަށް އަޑު އުފުލައި މުޒާހަރާކުރަން ފަށާފައިމިވަނީ ސެޕްޓެމްބަރު މަހުގެ 2 އަދި 25 ވަނަ ދުވަހު ރިޕޯޓު ކުރެވިފައިވާ ރޭޕް އަދި ޖިންސީ ގޯނާގެ ދެ ހާދިސާ އަކާއި ގުޅިގެންނެވެ. އަދި ކުރިއަށްދާ މުޒާހަރާތައް ހުއްޓާލާނީ ރޭޕްގެ މައްސަލަތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމުން ކަމަށްވެސް މުޒާހަރާގެ ބައިވެރިން ހާމަކޮށްފައިވެއެވެ. މި މުޒާހަރާ މިހާރު ވެގެން ގޮސްފައިވަނީ، ބަންގްލަދޭޝްގައި ދިގުމުއްދަތަކަށް ދެމިގެން ދިޔަ އެންމެ ބޮޑު މުޒާހަރާއަށް ކަމަށްވެސް ގިނަބަޔަކު ފާހަގަކޮށްފައިވެއެވެ.

ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރަމުންދާ ގްރޫޕެއް ކަމަށްވާ އައިން އޯ ސަލިޝް ކެންޑްރޯގެ ތަފާސް ހިސާބު ތަކަށް ބަަލާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހާއި ހަމައަށް، ބަނގްލަދޭޝްގެ 975 އަންހެނަކު ރޭޕް އަދި ޖިންސީ ގޯނާގެ ޝިކާރައަށް ވެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރެއިން 43 މީހަކަށް ޖިންސީ ގޯނާކޮށް އަނިޔާ ކުރުމަށްފަހު މަރާލައިފަވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން