މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާންގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.

މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން މި ނިންމުން ނިންމާފައިވަނީ، އޭނާއާއި އިތުރު މީހަކު ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް ނަގާފައިވާ 2.5 މިލިއަން ރުފިޔާގެ ލޯނެއް ދެއްކުމަށް 2024 ވަނަ އަހަރު ކޯޓުން ކުރި ޙުކުމަކާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީއެވެ.

މި މައްސަލައާ ގުޅިގެން މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ވިދާޅުވީ، ލޯނުގެ ފައިސާ ހަ މަސްދުވަހުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން ދައްކައި ނިންމުމަށް ދަށު ކޯޓުން ކުރި ޙުކުމާ އެއްގޮތަށް ސިނާންގެ ފަރާތުން އަމަލުކޮށްފައިނުވާ ކަމަށެވެ.

ޝަރީޢަތުގެ މަޖިލީހުގައި ސިނާންގެ ފަރާތުން ބުނެފައިވަނީ، ޙުކުމް ކުރިކަން އެނގިފައިނުވާތީ ފައިސާ ނުދެއްކުނީ ކަމަށެވެ. ނަމަވެސް، ފަނޑިޔާރު ޝުޖޫން ފާހަގަކުރެއްވި ގޮތުގައި، ޙުކުމުގެ މަޢުލޫމާތު ސިނާނަށް ދުރާލައި އަންގާފައިވާކަން މައްސަލައިގެ ލިޔެކިޔުންތަކުން ސާބިތުވާން އެބައޮތެވެ.

މީގެ އިތުރުން، ޙުކުމުގައިވާ ފައިސާ ދެއްކުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދީފައިވާއިރު، ސިނާންގެ ފަރާތުން ހުރިހާ ފައިސާއެއް އެއްފަހަރާ ދައްކާފައިވަނީ ތިންވަނަ މަހުގެ ތެރޭގައެވެ. އެހެންކަމުން، ޙުކުމުގައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާފައިވާ ކަމަށް އޭނާގެ ފަރާތުން ވަކާލާތު ކުރި ނަމަވެސް، ކޯޓުން އެކަން ބަލައެއް ނުގަތެވެ. ފަނޑިޔާރު ޝުޖޫން ވިދާޅުވީ، ކޮންމެ މަހަކު ދައްކަންޖެހޭ މިންވަރު ދައްކަމުން ގޮސް ފައިސާ ޚަލާޞްކުރުމަށް ޙުކުމުގައި ސަރީޙަކޮށް ބަޔާންކޮށްފައިވާތީ، ފައިސާ ދައްކަންޖެހޭނީ އެ އުޞޫލުގެ މަތިން ކަމަށެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުމާ ގުޅިގެން، ޤާނޫނުއަސާސީގައި ބަޔާންކުރާ މެންބަރުންގެ ޝަރުޠު އުނިވެ، މުޙައްމަދު ސިނާންގެ މެންބަރުކަމުގެ ގޮނޑި މިހާރު ވަނީ ހުސްވެފައެވެ.



ކިޔުންތެރިންގެ ހިޔާލު