އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) ގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން މިއަދު މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.

މަތީން މަޤާމުން އިސްތިޢުފާ ދެއްވިކަން ހާމަކުރެއްވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ނަމަވެސް، އޭނާ މަޤާމުން އިސްތިޢުފާ ދެއްވީ ކޮން ސަބަބަކާ ހުރެކަން މިހާތަނަށް ކަށަވަރުވެފައެއް ނުވެއެވެ. މަތީން އިސްތިޢުފާ ދެއްވާފައި ވާއިރު، ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ވެސް މިއަދު ވަނީ ކުއްލި ގޮތަކަށް މަޤާމުން އިސްތިޢުފާ ދެއްވައިފައެވެ.

މި ބަދަލުތަކަކީ ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓަށްފަހު، ސަރުކާރުގެ ހިންގުމަށް ގެންނަން ފަށާފައިވާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި އެ ވޯޓުގައި ސަރުކާރަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.



އިންތިޚާބުގެ ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސްވެރިން މަޤާމުތަކުން ވަކިކުރުމާއި އިސްތިޢުފާ ދިނުން ވަނީ އިތުރުވެފައެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ނަޖާހު އާއި، އެގްރޯނެޓްގެ އެމްޑީ ޙުސައިން ދީދީގެ އިތުރުން، އެމްޕީއެލްގެ އެމްޑީ ރިޝްވާން ވެސް ވަނީ ސަރުކާރުން އަންގައިގެން މަޤާމުން އިސްތިޢުފާ ދެއްވައިފައެވެ. މީގެ އިތުރުން އެމް.ޑަބްލިއު.އެސް.ސީ އާއި އެޗް.ޑީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން ވެސް ވަނީ މަޤާމުން ވަކިކޮށްފައެވެ.

ސަރުކާރުގެ މަތީ މަޤާމުތަކުން ވަކިކުރި ބޭފުޅުންގެ ތެރޭގައި ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އާއި، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އަދި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޙުސައިން ޝަރީފް ހިމެނިވަޑައިގަންނަވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް ފަހުން ސަލްމާ އާއި، އާމިނަތު ޙުސައިން ޝަރީފްގެ މަޤާމް ވަނީ އިއާދަ ކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، އިންތިޚާބުގެ ނަތީޖާއަށް ބަލައި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ކަންކަން އިޞްލާޙު ކުރަށްވާނެ ކަމަށެވެ. މި ބަދަލުތަކަކީ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށް ރައީސް ފަށްޓަވާފައިވާ މަސައްކަތްޕުޅުގެ ބައެއް ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު