ޑރ. މުޢިއްޒު އާއި އައްބާސް
ޑރ. މުޢިއްޒު އާއި އައްބާސް
ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްވެ ހުންނަވާ ސަރުކާރުގެ ހުރިހާ ކުންފުނިތަކެއް ސިޔާސީ ޖަގަހަތަކަށް ބަދަލުކޮށް، ކުންފުނިތައް ފުނޑާލަމުންދާ ބޮޑު މަންޒަރެއް ފެންނަމުންދާ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އެގޮތުން މީސްމީޑިއާގައި އައްބާސް މިއަދު ވިދާޅުވީ، ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އެކިފަރާތްތަކުން ހޯދާ ވަޒީފާތަކުން ލިބޭ މުސާރަ ހަލާލު ނުވާނެ ކަމަށެވެ.

"ސިޔާސީ ވަޒީފާތައް މިހާރު ދޭ ގޮތަށް ދެމުންދާ ނަމަ، އަދި ސިޔާސީ ގޮތުން ނުފޫޒު ފޯރުވައިގެން ވަޒީފާ ހޯދަމުންދާ ނަމަ، އެފަދަ ވަޒީފާއަކުން ލިބޭ މުސާރަ ހަލާލެއް ނުވާނެ." އައްބާސް ވިދާޅުވިއެވެ.

ހަމައެއާއެކު އައްބާސް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން މެދުވެރިކޮށް ހިންގަމުންދާ ކަންތައްތަކަކީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށެވެ. "މިއީ ދައުލަތުގެ ތިޖޫރީގައި ހުރި ފައިސާ ވަގަށް ނެގުން ކަހަލަ ކަމެއް. މިއަށް ކިޔޭނީ ދައުލަތުގެ ބައިތުލްމާލު ރޭޕްކޮށް، ރައްޔިތުންނަށް ޚިޔާނާތްތެރިވުން." އައްބާސް ވިދާޅުވެފައިވެއެވެ.

ސަރުކާރުން މި ޢަމަލުތައް ހުއްޓާލުމަށް ގޮވާލައްވަމުން، އައްބާސް ވަނީ ފާއިތުވި ހުރިހާ ސަރުކާރަކުން ފެހިކަމުން ދުވި ސިޔާސީ ފަރާތްތައް މެދުވެރިކޮށް، ދައުލަތުގެ ހުރިހާ ވަސީލަތަކާއި ނުފޫޒު ބޭނުންކޮށްގެން ހިންގި ލޯކަލް ކައުންސިލް ކެމްޕެއިނަށް ވެސް ފާޑު ވިދާޅުވެފައެވެ.

ދާދި ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުންގެ ގިނަ ބަޔަކު ރައީސް ޑރ. މުއިއްޒަށް ތާއީދު ނުކުރިކަން ފާހަގަ ކުރަށްވަމުން، ވޯޓު ދިން ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 70 އިންސައްތަ ރައްޔިތުން ރައީސް ޑރ. މުއިއްޒަށް ނޫނެކޭ ބުނެފައިވާ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.

"އަޚްލާގީ ގޮތުން ރަނގަޅު ގޮތަކީ ރައީސް ޑރ. މުއިއްޒު އިސްތިއުފާ ދެއްވުން." އައްބާސް ވިދާޅުވިއެވެ.

އޭގެއިތުރުން ރައީސް ޑރ. މުއިއްޒަކީ މަޝްވަރާގެ ރިވެތި އުސޫލުން ކަންކަން ކުރަށްވާ، އެހެން ބޭފުޅުންނަށް އިހުތިރާމް ދެއްވާ، ތެދުބަހުން ވާހަކަ ދައްކަވާ ބޭފުޅެއް ނޫންކަން ދިވެހި ރައްޔިތުން ހެކިވާނެ ކަމަށް ވެސް އައްބާސް ވަނީ ވިދާޅުވެފައެވެ.



އައްބާސް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ފައިދާ ހޯދުމަށް ވަޒީފާ ދޭކަމަށް ކުރެވޭ ތުހުމަތުތަކަކީ ކޮންމެ ވެރިކަމެއްގައިވެސް ވޯޓުތަކާއި ދިމާކޮށް ފެންމަތިވާ ކަންބޮޑުވުންތަކެކެވެ.

ނަމަވެސް ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ކަށަވަރު ކޮށްދޭ ހަމަހަމަ ފުރުސަތާއި ވަޒީފާ ދިނުމުގައި ތަފާތު ކުރުން ނެތުމުގެ ހައްގުގެ ދަށުން، ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ވަޒީފާ ދިނުމަކީ ގާނޫނީ ގޮތުން ވެސް ސުވާލު އުފެދޭ ކަމެއް ކަމަށް ގާނޫނީ ދާއިރާގެ ބައެއް ފަރާތްތަކުން ފާހަގަ ކުރަށްވައެވެ.



ކިޔުންތެރިންގެ ހިޔާލު