ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން މިއަދު ހަވީރުން ފެށިގެން ކަރަންޓު ކެނޑިފައިވާއިރު، އަދިވެސް 2 ޓަވަރަކަށް ކަރަންޓުގެ ހިދުމަތް ނުދެވޭ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯ އިން ހާމަކޮށްފައިވާ ގޮތުގައި، ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ މިއަދު މެންދުރުފަހު 15:21 ހާއިރެވެ.

ކަރަންޓު ކެނޑުނު ވަގުތު ސްޓެލްކޯ އިން ފުރަތަމަ ބުނެފައިވަނީ، ދިމާވި ޓެކްނިކަލް މައްސަލަ ދެނެގަނެވުމާ ގުޅިގެން ގާތްގަނޑަކަށް 45 ވަރަކަށް މިނެޓުގެ ތެރޭގައި ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

ނަމަވެސް މިއަދު 18:00 ޖެހިއިރު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނީ ‏ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކަށް ކަރަންޓު ފޯރުކޮށްދިނުން މެދުކެނޑުނު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އިތުރު ޓެކްނިކަލް މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް ޓެކްނިކަލް ޓީމުން ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސްޓެލްކޯއިން އޭރު ވަނީ ބުނެފައެވެ.

މިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދެމުން ސްޓެލްކޯއިން ބުނީ ހުޅުމާލޭ ފޭސް 2 އިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ޓަވަރުތަކުގެ ތެރެއިން ހިޔާ 2 އަދި 6 ފިޔަވައި އެހެން ހުރިހާ ޓަވަރަކަށް މިހާރު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށެވެ.

އަދި މި ދެ ޓަވަރަށްވެސް ވީހާވެސް އަވަހަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު