ސަހަރް ޝެއިޚް
ސަހަރް ޝެއިޚް
އިންޑިއާގެ މަހަރާޝްތުރާ ސްޓޭޓްގެ ތާނޭ ތަހުސީލްދާރުގެ އޮފީހުން، އޭއައިއެމްއައިއެމް އަށް ނިސްބަތްވާ މުމްބްރާގެ ކޯޕަރޭޓަރު ސަހަރް ޝެއިޚްގެ އާއިލާއިން އޮޅުވާލައިގެން "އަދަރ ބެކްވާޑް ކްލާސް" (އޯބީސީ) ސާޓިފިކެޓް ބޭނުންކުރި ކަމަށް ބުނެ، އެ އާއިލާއާ ދެކޮޅަށް ޖިނާއީ މައްސަލައެއް ނުވަތަ އެފްއައިއާރު އެއް ރެޖިސްޓްރީ ކުރުމަށް ފުލުހުންނަށް ލަފާދީފިއެވެ.

މި މައްސަލަ ފެންމަތިވީ ސަހަރް ޝެއިޚްގެ ބައްޕަ، ޔޫނުސް ޝެއިޚާ ދެކޮޅަށް ހުށަހެޅުނު ޝަކުވާތަކެއް ތަހުގީގު ކުރުމާގުޅިގެންނެވެ.

ތަހުސީލްދާރު އުމޭޝް ޕާޓިލް އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދިޔަ ތަހުގީގަށް ފާހަގަކުރެވުނު ގޮތުގައި، މި އާއިލާއިން ބޭނުންކުރަމުންދިޔަ އޯބީސީ ސާޓިފިކެޓަކީ ސައްހަ ލިޔުމެއް ނޫނެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުން 2011 ވަނަ އަހަރު ދޫކޮށްފައިވާ އެ ސާޓިފިކެޓަކީ ސަރުކާރުގެ ރަސްމީ ފޯމެޓާ ޚިލާފަށް، އަދި ކަމާބެހޭ އޮފިސަރުންގެ ސޮއިވެސް ނެތް ލިޔުމެކެވެ.

މީގެ އިތުރުން، އޯބީސީ ސާޓިފިކެޓަކީ މަހަރާޝްތުރާގެ އަސްލު ވަޒަންވެރިންނަށް ދޫކުރާ ސެޓިފިކެޓެއް ކަމަށް ވާއިރު، އުއްތަރު ޕްރަދޭޝްއަށް ނިސްބަތްވާ ސަހަރް ޝެއިޚްގެ އާއިލާއިން މި ސެޓިފިކެޓް ހޯދުމަށްޓަކައި ލިޔެކިޔުންތަކަށް ބަދަލު ގެނެސްފައިވާކަން ތަހުގީގަށް ވަނީ ހާމަވެގެން ގޮސްފައެވެ.

ކަމާބެހޭ އިދާރާތަކުން ތުހުމަތު ކުރާ ގޮތުގައި، ތާނޭގައި ދިރިއުޅެމުންދާ މި އާއިލާ، ސަހަރް ޝެއިޚްގެ ކާސްޓް ސާޓިފިކެޓް މުމްބާއީ ސިޓީ ކަލެކްޓަރުގެ އޮފީހުން ހޯދާފައިވަނީ ތާނޭގެ އޮފިޝަލުންގެ ބެލުމުގެ ދަށުން ރެކުމަށެވެ.

މި މައްސަލާގައި، ސަހަރް ޝެއިޚްގެ އާއިލާއާ ދެކޮޅަށް މަކަރާއި ހީލަތް ހެދުމުގެ ދަށުން ދައުވާ ކުރުމަށާއި، މިހާތަނަށް ހޯދާފައިވާ އެފަދަ ހުރިހާ ސާޓިފިކެޓްތަކެއް ވަގުތުން ބާތިލްކުރުމަށް ތަހުސީލްދާރުގެ އޮފީހުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ މިހާރުވަނީ ކަމާބެހޭ މުއައްސަސާތަކަށް ރަސްމީކޮށް އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު