ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފް
ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފް
ދާދިފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުތަކުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރިއިރު، ޕީއެންސީން 581 ގޮނޑި ކާމިޔާބުކޮށް ތާރީޚީ ކާމިޔާބީއެއް ހޯދާފައިވާ ކަމަށް ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މެޗެއް ނިމުމުގެ ކުރިން ބައެއް ފަރާތްތަކުން އުފާފާޅުކުރި ނަމަވެސް، ރަސްމީ ނަތީޖާ ދައްކާގޮތުން މުޅި މެޗު ކާމިޔާބުކުރީ ސަރުކާރު ހިންގާ ޕީއެންސީން ކަމަށް މަޚްލޫފް ފާހަގަކުރެއްވިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ގަބޫލުކުރަން ބޭނުންވިޔަސް ނުވިޔަސް ބަދަލުނުވާނެ ހަގީގަތެކެވެ.

މަޚްލޫފް އިތުރަށް ވިދާޅުވީ، މިހާރު ލިބުނު ނަތީޖާއަކީ ބޮޑު ކާމިޔާބީއެއް ނަމަވެސް، މިއީ ޕީއެންސީން އެންމެ ބޭނުންވި ނަތީޖާ ނޫން ކަމަށެވެ. ޕާޓީގެ އަމާޒަކީ މިއަށްވުރެވެސް ފުރިހަމަ ނަތީޖާއެއް ހޯދުން ކަމަށާއި، މިހާރު ޕާޓީގެ ތެރެއަށް ގެންނަމުންދާ ބަދަލުތަކަކީ އެ ސަބަބަށްޓަކައި ގެންނަ ބަދަލުތަކެއްކަން އޭނާ ހާމަކުރެއްވިއެވެ.

މި ބަދަލުތަކުގެ މައިގަނޑު ބޭނުމަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޓީމުތައް ވަރުގަދަކޮށް، މިހާރު ލިބުނު ނަތީޖާގެ އަލީގައި އިތުރު މަސައްކަތްތަކެއް ފެށުން ކަމަށްވެސް މަޚްލޫފް ވިދާޅުވިއެވެ.

ޕީއެންސީގެ މެންބަރުން ހޯދި މި ކާމިޔާބީއަށް މަރުހަބާ ދަންނަވަމުން މަޚްލޫފް ވިދާޅުވީ، އިންތިޚާބުގެ ނަތީޖާއާއެކު ޕާޓީ އިތުރަށް ރުކުރުވާލައި، ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ވަރުގަދަ މަސައްކަތްތަކެއް ފެނިގެންދާނެ ކަމަށެވެ. މި ކާމިޔާބީއަކީ ޕާޓީގެ މުސްތަގުބަލަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު