މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި، ކައުންސިލް ގޮނޑިއެއް ޕީއެންސީއަށް ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް، އަންހެނުންގެ ކޮމިޓީގެ ތިން ގޮނޑިއެއް ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބު ކުރަށްވައިފިއެވެ.

ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމާ ގުޅިގެން، އެ ދާއިރާތަކުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.



މިހާތަނަަށް ގުނި ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު މިއަދު ކުރިއަށްގެންދިޔަ އިންތިހާބުގައި ހއ.ކެލާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އިންތިހާބުކުރުމަށް ނެގި ވޯޓު ކާމިޔާބުކުރީ ޕީއެންސީން ވާދަކުރި ކެންޑިޑޭޓު ހައްވާ ފަޒުނާއެވެ. އޭނާއާ ވާދަކުރީ އެމްޑީޕީގެ ކެންޑިޑޭޓު މަހުދިއްޔާ އާދަމެވެ.

ދެން ޕީއެންސީން ކާމިޔާބުކުރީ ހދ.ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމެވެ. އެ މަގާމަަށް އިންތިހާބުވީ ޕީއެންސީގެ ކެންޑިޑޭޓު ފާތިމަތު ރިއުޒާއެވެ. އޭނާއާ ވާދަކުުރީ އަމިއްލަ ގޮތުން އެ މަގާމަށް ކުރިމަތިލި ކެންޑިޑޭޓު ފާތިމަތު ނިޝާދާއެވެ.

ތިންވަނަ ދާއިރާއަކަށް ޕީއެންސީން ކާމިޔާބުކުރީ ލ.މާވަަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމުގެ އިންތިހާބެވެ. އެ އިންތިހާބުގައި ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓު ފާތިމަތު ޝާފިޔާއާއި އެމްޑީޕީގެ ކެންޑިޑޭޓު މަރިޔަމް މާއިޝާއެވެ.

ފުވައްމުލަކު ދަޑިމަގު ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓު އާއިޝަތު އަބްދުލްގާދިރާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓު ޝީޒާ އިބްރާހީމެވެ. ފުވައްމުލައް ސިޓީގެ ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު ޝީޒާ އިބްރާހިމެވެ. ބ.ދޮންފަނު ކައުންސިލުން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ އިންތިހާބުގައި ވާދަކުރަނީ ކެންޑިޑޭޓު އާއިޝަތު މުނާ އާއި އެމްޑީޕީގެ ކެންޑިޑޭޓު އާމިނަތު ރަފާހްއެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓުން ރަފާހް ވަނީ ކާމިޔާބު ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު