ހިތް ހުއްޓުމުގެ ނުރައްކާ ކުޑަކުރުމަށް ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު މަދުކުރުން މުހިއްމު
ހިތް ހުއްޓުމުގެ ނުރައްކާ ކުޑަކުރުމަށް ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު މަދުކުރުން މުހިއްމު
މި އާދަތަކަކީ ދިގު މުއްދަތަކަށް ބަލާއިރު ބޮޑު ބަދަލެއް ގެނެސްދޭނެ ކަންކަމެވެ. އަދި މިއީ ކޮންމެ ވަގުތެއްގައިވެސް ފެށިދާނެ މުހިންމު ކަންކަމެވެ.

އިންސާނާގެ ހިތަކީ މުށްކަވާލުމުން ހުންނަވަރުގެ ކުޑަ ގުނަވަނެއް ނަމަވެސް، މިއީ ހަށިގަނޑުގައި ނުހަނު ބޮޑު ޒިންމާއެއް އަދާކުރާ ގުނަވަނެކެވެ. އެމެރިކަން ހާޓް އެސޯސިއޭޝަން (AHA) އިން ހާމަކުރާ ގޮތުގައި، ހިތް ސަލާމަތުން ހުންނައިރު، ކޮންމެ ދުވަހަކު ގާތްގަނޑަކަށް 2،000 ގެލަންގެ ލޭ ހަށިގަނޑުގެ އެކި ބައިތަކަށް ފޮނުވައިދެއެވެ.

ހިތަކީ ލޭދައުރުކުރާ ނިޒާމުގެ އެންމެ މުހިންމު ގުނަވަނެވެ. މީގެ މައިގަނޑު ދެ ދައުރަކީ، ފުރަތަމަ ފުއްޕާމެޔަށް ލޭ ފޮނުވައިގެން އޭގައި އޮކްސިޖަން ހަރުކުރުމާއި، އޭގެ ފަހުން އޮކްސިޖަނާއި ހަށިގަނޑަށް ބޭނުންވާ މާއްދާތަކުން މުއްސަނދިވެފައިވާ އެ ލޭ މުޅި ހަށިގަނޑަށް ފޮނުވައިދިނުމެވެ. ހިތް ހުއްޓުން ނުވަތަ 'ހާޓް ފެއިލިއާ' އޭ ކިޔަނީ، މި މަސައްކަތްތައް އެންމެ އެދެވޭ ގޮތުގައި ކުރުމަށް ހިތް ނުކުޅެދުމުންނެވެ.

ހިތުގެ ބާރު ދެރަވުމުން، އާންމު ދިރިއުޅުމުގެ ކަންކަން ކުރުމަށް ބޭނުންވާ މިންވަރަށް ހަށިގަނޑުގައި ލޭ ދައުރުނުކޮށްދެއެވެ. މީގެ ސަބަބުން ސިޑިން އެރުމާއި، ބާޒާރުކޮށްގެން ތަކެތި އުފުލުން ފަދަ ކަންކަމަށް ދަތިވެއެވެ. މީގެ އިތުރުން ހިތުގެ މައްސަލަތަކުގެ އަލާމާތްތައް ތަފާތު ގޮތްގޮތަށް ފެނިދާނެއެވެ.

ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (CDC) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެމެރިކާގައި އެކަނިވެސް ގާތްގަނޑަކަށް 6.2 މިލިއަން މީހުން ހިތުގެ މިފަދަ ބަލިތަކުގައި ދިރިއުޅެމުންދެއެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް މި އަދަދު 46 އިންސައްތަ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.

ހިތުގެ ބަލިތަކުން ރައްކާތެރިވުމަށްޓަކައި، ހަށިގަނޑަށް ފައިދާހުރި އާދަތަކަށް އަހުލުވެރިވުމަކީ އެންމެ ވަރުގަދަ ދިފާއެވެ. ތިރީގައި އެވަނީ ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމެވެ.

ހިތް ހުއްޓުމުގެ ނުރައްކާ ކުޑަކުރާނީ ކިހިނެއް؟

އާއިލީ ގޮތުން ހިތުގެ ބަލިތައް ހުރުމާއި، ބައެއް ކަހަލަ އިންފެކްޝަންތަކާއި، އަދި އުޅޭ އުޅުމުގެ އާދަތަކަކީ ހިތުގެ ބައްޔަށް މަގުފަހިކުރުވާ ކަންކަމެވެ. މި ނުރައްކާ ކުޑަކުރުމަށްޓަކައި އަންނަނިވި 4 ބަދަލު ގެނައުން މުހިންމެވެ.

1. ލޭގެ ޕްރެޝަރަށް ސަމާލުވުން

މަތީ ލޭގެ ޕްރެޝަރަކީ ހިތުގެ ބަލިތަކަށް މަގުފަހިކުރުވާ އެންމެ ބޮޑު ސަބަބެވެ. ލޭގެ ޕްރެޝަރު މަތިވުމުން، ހިތުން ލޭ ފޮނުވައިދޭ ހޮޅިތައް ބޯވެ، ހަރުވެއެވެ. މީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ލޭ ފޮނުވުމަށް ހިތަށް ބާރުބޮޑުވެ، ހިތް ބޮޑުވެ، ބާރު ދެރަވުމަށް މެދުވެރިވެއެވެ.

ލޭގެ ޕްރެޝަރު އެދެވޭ މިންވަރެއްގައި (120/80mm Hg އަށްވުރެ ދަށުގައި) ބެހެއްޓުމަށްޓަކައި، ގަވާއިދުން ކަސްރަތުކުރުމާއި، ފައިދާހުރި ކާނާ ކެއުމާއި، އަރާމު ނިދި ހޯދުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުހެލިވުން މުހިންމެވެ.

2. ނަފްސާނީ ބުރަ ނުވަތަ ސްޓްރެސް ކުޑަކުރުން

މަސައްކަތުގެ މާހައުލުގައި ނުވަތަ އަމިއްލަ ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމުގެ ސަބަބުން، ހަށިގަނޑުގައި 'އެޑްރެނަލިން' އަދި 'ކޯޓިޒޯލް' ފަދަ ހޯރމޯންތައް އިތުރުވެއެވެ. މީގެ ސަބަބުން ލޭހޮޅިތައް ހަނިވެ، ހިތުގެ ތެޅުން އަވަސްވެ، ލޭގެ ޕްރެޝަރު މަތިވެއެވެ. ނަފްސާނީ ބުރަދަނަކީ ހިތުގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑު އަސަރެއް ކުރާ ކަމެކެވެ.

ދިރިއުޅުމުގެ ކަންކަމާ ހާސްވުމަކީ އާންމު ކަމެއް ނަމަވެސް، އެކަމުގެ ސަބަބުން ކެއުމާއި ނިދުމަށް ބުރޫއަރާނަމަ، އެކަމުން އަރައިގަތުމަށް މަސައްކަތް ކުރަންޖެހެއެވެ. ނޭވާލާ ކަސްރަތުތަކާއި މެޑިޓޭޝަން ފަދަ ކަންކަމަކީ ހާސްކަން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ.

3. ކެއުމުގެ އާދަތަކަށް ކުދި ބަދަލުތައް ގެނައުން

ހިތަށް ފައިދާހުރި ގޮތަކަށް ކެއުން ބެހެއްޓުމަކީ މުޅިން ކެއުން ހުއްޓާލުމެއް ނޫނެވެ. އެންމެ މުހިންމު ކަމަކީ ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު މަދުކުރުމެވެ. ލޮނު ގިނަވުމުން ހަށިގަނޑުގައި ފެން ހިފަހައްޓައި، ލޭގެ ޕްރެޝަރު މަތިވެއެވެ. މީގެ ސަބަބުން ކިޑްނީގެ މަސައްކަތަށް ބުރޫއަރައި، ހިތަށް އިތުރު ބާރުބޮޑުވެއެވެ.

ކެއުމުގައި 'ޕޮޓޭސިއަމް' ގިނަ ކާނާ (މިސާލަކަށް: ދޮންކެޔޮ، އަލަނާސި، މުގު، އަދި ތަރުކާރީ) ހިމެނުމަކީ ލޮނުގެ ނޭދެވޭ އަސަރު ކުޑަކޮށްދޭ ކަމެކެވެ. މީގެ އިތުރުން 'އޮމެގާ-3' ފެޓީ އެސިޑް އެކުލެވޭ މަހުގެ ބާވަތްތައް (މިސާލަކަށް: ކަނޑުމަސް، ސަލްމަން) ކެއުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ.

4. ގަޔާވާ ކަހަލަ ހަރަކާތެއް ނުވަތަ ކަސްރަތެއް އިޚްތިޔާރުކުރުން

ހިތުގެ ތެޅުން އަވަސްކޮށްދޭ ކަސްރަތުތަކަކީ ނުހަނު ފައިދާހުރި ކަންކަމެވެ. ހަފުތާއަކު ގިނަ ދުވަސްތަކެއްގައި 30 އާއި 40 މިނެޓާ ދެމެދު ހިނގުން، ބައިސްކަލް ދުއްވުން، ފެތުން ނުވަތަ ނެށުން ފަދަ ހަރަކާތްތަކުގައި ބައިވެރިވުން މުހިންމެވެ.

ގަވާއިދުން ކަސްރަތުކުރުމުން ހަށިގަނޑުގައި ލޭދައުރުވުން ރަނގަޅުވެ، ހިތުގެ މަސައްކަތްތައް ފަސޭހަވެގެންދެއެވެ. އަދި މިއީ ކޮލެސްޓްރޯލް އެއް މިންވަރެއްގައި ހިފެހެއްޓުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށްވެސް އެހީތެރިވެދޭ ކަމެކެވެ.

ހިތުގެ ބަލިތަކަށް މަގުފަހިވާ ބައެއް ކަންކަމަކީ އަޅުގަނޑުމެންގެ އިޚްތިޔާރުގައިވާ ކަންކަމެއް ނޫނެވެ. ނަމަވެސް، ކެއުމާއި އުޅުމަށް ގެނެވޭ މިފަދަ ކުދި ބަދަލުތަކުން ހިތުގެ ދުޅަހެޔޮކަން ދިގު މުއްދަތަކަށް ދެމެހެއްޓިދާނެއެވެ. މިއީ ފެށުމަށް ދުވަހަކުވެސް ލަސްވެފައިވާ ކަމެއް ނޫނެވެ.



ކިޔުންތެރިންގެ ހިޔާލު