މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަންގައި، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓް ހޯއްދެވުމަށް ކުރީގެ މެންބަރު މުޙައްމަދު ސިނާން އާއި އައްޑޫ ސިޓީ ކައުންސިލަރު އަޙްމަދު ސައީދު ފޯމު ހުށަހަޅުއްވައިފިއެވެ.

ޕީއެންސީގެ ފަރާތުން މި ދާއިރާގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ އަންގާރަ ދުވަހު ހުޅުވާލާފައިވާއިރު، މިއަދު ސުންގަޑި ހަމަވިއިރު މި މަގާމަށް ކުރިމަތިލެއްވީ މި ދެ ބޭފުޅުން އެކަނި ކަމަށް މަޢުލޫމާތު ލިބެއެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، މުޙައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ބުނެ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމަކާ ގުޅިގެން، އޭނާގެ މެންބަރުކަމުގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެންނެވެ.

މި ޕްރައިމަރީގައި ވާދަކުރައްވާ އަޙްމަދު ސައީދަކީ މި މަހު ކުރީކޮޅު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި މޫލެކެޑެ ދާއިރާއަށް ވާދަކުރައްވައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ އަތުން ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ބޭފުޅެކެވެ.

ޕީއެންސީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ ތާވަލުކޮށްފައިވަނީ ކުރިއަށް އޮތް މެއި މަހުގެ 25 ވާ ހޮނިހިރު ދުވަހަށެވެ.

ޤާނޫނުއަސާސީގައިވާ ގޮތުން މަޖިލިސް ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހެއެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު އިޢުލާންކޮށްފައިވާ ގޮތުގައި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން އޮންނާނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު