އެމްޑީޕީގެ މުޒާހަރާ
އެމްޑީޕީގެ މުޒާހަރާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމަކީ، އެއްވެސް ތަފާތުކުރުމެއް ނެތްގޮތެއްގައި ކޮންމެ ރައްޔިތަކަށްމެ ލިބިދޭންޖެހޭ ހައްގުތަކެކެވެ.

ގާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތުގައި، ނަސްލަށް، އުފަންވީ ގައުމަށް، ކުލަޔަށް، ޖިންސަށް، އުމުރަށް، ނުވަތަ ސިޔާސީ ފިކުރަށް ބަލައި އެއްވެސް ރައްޔިތަކު ތަފާތުކޮށްގެން ނުވާނެއެވެ.

ނަމަވެސް، މިއަދު ފެންނަމުންދަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) އިން އެ ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރުމުގެ ބަދަލުގައި، ސަރުކާރުގެ ނުފޫޒުގެ ދަށުވެ "ގޮނޑި ކޮއްކޮގެ" ދައުރު އަދާކުރަމުންދާ މަންޒަރެވެ. ދައުލަތުގެ އިސްވެރިންގެ ނާގާބިލުކަމުގެ ސަބަބުން ރައްޔިތުން ތަފާތު އެކި ބާވަތުގެ އަނިޔާތަކަށް ހުށަހެޅެމުންދާއިރު، އެ ރައްޔިތުންގެ ހައްގުތަކުގެ ދިފާއުގައި ވަކާލާތުކުރުމުގެ ބަދަލުގައި ކޮމިޝަނުން ހަނުހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނު (6/2006) ގައި ބަޔާންކޮށްފައިވާ ގޮތުން، އިންސާނީ ހައްގުތައް ކުރިއަރުވައި ދެމެހެއްޓުމަކީ ދައުލަތުގެ މައްޗަށް އޮތް ވާޖިބެކެވެ. އެހެންނަމަވެސް، އިދިކޮޅު އެމް.ޑީ.ޕީ އިން ކުރިއަށްގެންދާ މުޒާހަރާތަކަކީ ގާނޫނީ އިމުން ބޭރުގައި ހިންގާ ހަރަކާތްތަކެއް ކަމަށް ބުނެ އެޗް.އާރް.ސީ.އެމް އިން ނެރެމުންދާ ބަޔާންތަކަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބަޔާންތަކެއް ނޫންކަން ހާމަވެއެވެ.

މިއީ ރައްޔިތުންނަށް ލިބޭ އަނިޔާތަކާ މެދު ސުވާލު އުފެއްދުމުގެ ބަދަލުގައި، ސަރުކާރުގެ އަމަލުތައް ދިފާއުކުރުމަށް ކުރާ މަސައްކަތެކެވެ.

ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވާލާ ވަކާލާތުކުރުމުގެ ބަދަލުގައި، އެޗް.އާރް.ސީ.އެމް ވެފައިވަނީ ސިޔާސީ ކުޅިބައެއްގެ ތެރޭގައި ހަރަކާތްތެރިވާ ބައެއްގެ ގޮތުގައެވެ.

އެހެންކަމުން، މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ހުއްޓާލައި، ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް ހިމާޔަތްކުރުމަށް ސިޔާސީ ފަރާތްތަކުންނާއި އާއްމު ރައްޔިތުން ދަނީ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އެ ކޮމިޝަނަށް ގޮވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު