މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
ވަޒީފާގެ މާހައުލުގައި ހިނގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި، "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު" އަށް ސަރުކާރުގެ ފަރާތުން މުހިންމު އިސްލާހުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މިއަދުގެ މަޖިލީހަށް މި ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ.

މި އިސްލާހުގެ ދަށުން އެންމެ ބޮޑު ބަދަލެއް އަންނާނީ ޔުނިފޯމް އެޅި ޚިދުމަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅޭ މައްސަލަތަކަށެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ޖިންސީ ފުރައްސާރައިގެ ޝަކުވާ ރައްދުވާ ފަރާތަކީ ޔުނިފޯމް އެޅި ޚިދުމަތެއްގެ މީހެއްނަމަ، އެއީ ރައްޔިތުންގެ އިތުބާރު އޮންނަ ބާރުވެރި މަގާމެއްގައި ހުރި ފަރާތަކަށްވާތީ، އެފަދަ މައްސަލަތައް ނިންމުމުގައި އެންމެ މަތީ މިންގަނޑުތަކުން ކަންކަން ބަލަންވާނެއެވެ. އަދި މިފަދަ ފަރާތްތަކާ ގުޅޭ މައްސަލަތައް ދެން ހުށަހަޅަންޖެހޭނީ ސިވިލް ކޯޓަށް ކަމަށްވެސް މި އިސްލާހުގައި ކަނޑައަޅާފައިވެއެވެ.

މި އިސްލާހަކީ ގާނޫނުގެ 28 ވަނަ މާއްދާ ކަމަށްވާ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަނޭޅޭނެ ބާވަތުގެ މައްސަލަތަކުގެ ތެރެއަށް ގެނެވުނު ބަދަލެކެވެ. މީގެ ކުރިން މި މާއްދާގައި އޮންނަނީ ހަމައެކަނި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅޭނެ މުއްދަތެވެ. މީގެ އިތުރުން، ވަޒީފާދޭ ތަންތަނުގައި އުފައްދާފައިވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީތަކުން މައްސަލަ ބަލަންޖެހޭ އުސޫލުތައްވެސް މި ބިލުން ވަނީ ތަފުސީލުކޮށްފައެވެ.

އެގޮތުން ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް 60 ދުވަހުގެ ތެރޭގައި ބަލައި ނިންމަންޖެހޭނެއެވެ. އަދި އިތުރު މުއްދަތު ބޭނުންވާނަމަ 30 ދުވަސް އިތުރުކުރެވިދާނެ ކަމަށް ބިލުގައި ވެއެވެ. ހަމައެއާއެކު މައްސަލަ ބަލައި ނިންމުމަށްފަހު ފިޔަވަޅެއް އަޅާނަމަ، އެކަން 5 ދުވަހުގެ ތެރޭގައި އަންގަންވާނެ ކަމަށްވެސް އިސްލާޙުގައިވެއެވެ.

ބިލުގައި އިތުރަށް ބުނެފައިވަނީ، މައްސަލަ ބަލާ މުއްދަތުގައި ޝަކުވާ ރައްދުވާ ފަރާތް މުސާރަ ހިނގާގޮތަށް ސަސްޕެންޑު ކުރުމުގެ ބާރު ކޮމިޓީއަށް ލިބިގެންވާ ކަމަށެވެ. މީގެއިތުރުން ކޮމިޓީ އެކުލަވާލަންވާނީ މަދުވެގެން 3 މެންބަރުން ހިމެނޭހެން އޮނަހިރި އަދަދަކަށް ކަމަށާއި، ކޮމިޓީގައި ދެ ޖިންސުގެ މެންބަރުން ހިމެނުން ބިލުގައި ލާޒިމް ކޮށްފައިވެއެވެ.

މި އިސްލާހުގެ ދަށުން ގެނެވުނު އަނެއް މުހިންމު ބަދަލަކީ، ކޮމިޓީތައް އެކުލަވާލުމަށްފަހު އެކަން ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަންގަން ޖެހުނު ނަމަވެސް، ދެން އެކަން އަންގަން ޖެހޭނީ ހިޔުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށެވެ. މިއީ ވަޒީފާދޭ ފަރާތްތަކުން ގާނޫނު ތަންފީޒުކުރާ މިންވަރު ބެލުމުގެ ދާއިރާ ފުޅާކުރުމަށް ގެނެވުނު ބަދަލެއް ކަމަށް ސަރުކާރުން ބުނެއެވެ.

މި އިސްލާހުތަކުގެ މައިގަނޑު މަގުސަދަކީ ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި، ޝަކުވާ ބެލުމުގެ އިޖުރާއަތްތައް ހަރުދަނާކޮށް، ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު