ނިމިދިޔަ ރަމަޟާން މަހަކީ ދިވެހި ރައްޔިތުންނަށް ކަރަންޓު ބިލުގެ ތަކުލީފު ކުޑަކޮށްދިނުމަށް ސަރުކާރުން މުހިންމު ނިންމެވުންތަކެއް ނިންމެވި މަހެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ، އެ މަހު ކޮންމެ ގޭބިސީއެއްގެ ކަރަންޓު ބިލަށް އެންމެ ބޮޑުވެގެން އަރާނީ 400 ރުފިޔާ ކަމަށެވެ. މީގެ އިތުރުން، ކަރަންޓު ބިލުގައި ހިމަނައިގެން ވެމްކޯއަށް ދައްކަންޖެހޭ 150 ރުފިޔާގެ ފީވެސް ސަރުކާރުން ދައްކައިދިނެވެ. މިއީ އާންމު ރައްޔިތުންނަށް އެ ވަގުތު ލިބިގެންދިޔަ ބޮޑު ތަސައްލީއެކެވެ.

ނަމަވެސް، ރޯދަމަސް ނިމި، އާންމު ހާލަތަށް ރުޖޫއަވުމާއެކު ފެންމަތިވެގެން އައީ ހީވެސް ނުކުރާ ފަދަ ބޮޑު ކަންބޮޑުވުމެކެވެ. އަތޮޅުތެރެއަށް ކަރަންޓުގެ ޚިދުމަތް ދޭ ފެނަކައިން ފޮނުވި ބިލުތަކާއެކު ސޯޝަލް މީޑިއާ ގުގުމާލީ ރައްޔިތުންގެ ޝަކުވާތަކުންނެވެ. ކުރިން 1،000 ރުފިޔާވެސް ނާރާ ގޭބިސީތަކަށް 3،000 ރުފިޔާއަށް ވުރެ މަތިން ބިލު އައިސްފައިވާކަން ގިނަ ބަޔަކު ފާހަގަކުރިއެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ރޯދަމަހު ދިން ލުޔަކީ "ދަރަންޏަށް" ދިން އެއްޗެކެވެ. އެގޮތުން، ރޯދަމަހު އުނިކޮށްދިން ބައި މިމަހުގެ ބިލަށް އިތުރުކޮށްފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

މި ފާޑުކިޔުންތަކާއި ޝަކުވާތައް ގަދަވެފައިވަނިކޮށް، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން މިވަނީ ކުއްލި އިޢުލާނެއް ނެރެފައެވެ. އެއީ ބިލު ނުދެއްކިގެން އަރާފައިވާ ޖޫރިމަނާތައް މައާފުކޮށްދޭ ވާހަކައެވެ. މިއީ ބަލާލުމަށް ރަނގަޅު ނިންމުމެއް ކަމަށް ހީވިޔަސް، މީގެ ފަހަތުގައި ސިޔާސީ އުކުޅެއް އޮތްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މި ހާލަތަށް ބަލާއިރު، މިއީ ސަރުކާރުން "ދެބޯގެރި" ދުއްވުން ކަމަށް ސިފަކުރެވިދާނެއެވެ. "ދެބޯގެރި ދުއްވުމަކީ" އެއްކަމެއް ފޮރުވުމަށްޓަކައި ނުވަތަ ކަމެއްގެ ސަމާލުކަން އަނބުރާލުމަށްޓަކައި އެހެން ކަމެއްގެ ވާހަކަ ބޮޑުކޮށް ފެތުރުމެވެ. މިސާލަކަށް، ކަރަންޓު ބިލުތައް އިންތިހާއަށް ބޮޑުވުމުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުރުހުން ކުޑަކުރުމަށްޓަކައި، ފެން ބިލުގެ ޖޫރިމަނާ މައާފުކޮށްދޭ ވާހަކަ މީޑިއާގައި ބޮޑުކޮށް އިޝްތިހާރު ކުރުމަކީ މި ދެބޯގެރީގެ މިސާލެކެވެ. އެއް ބޯ (ކަރަންޓު ބިލު) ބޮޑުވެގެން ހަޅޭއްލަވާއިރު، އަނެއް ބޯ (ޖޫރިމަނާ މައާފުކުރުން) ދައްކައިގެން ރައްޔިތުންގެ ރުހުން ހޯދަން މަސައްކަތް ކުރަނީއެވެ.

ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ، ޖޫރިމަނާ މައާފުކުރުމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ކަނޑައަޅާފައިވާ ހަރުކަށި ޝަރުތުތަކެވެ. ޖޫރިމަނާ މައާފުވާނީ އަސްލު ބިލަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް އެއްކޮށް ދައްކައި ހަލާސްކުރުމުންނެވެ. އިގްތިސާދީ ގޮތުން ދަތި ދުވަސްވަރެއްގައި، ބޮޑުވެފައިވާ ބިލުތައް އެއްކޮށް ދެއްކުމަކީ އާންމު ރައްޔިތަކަށް ފަސޭހަ ކަމެއް ނޫނެވެ.

މިދިޔަ އަހަރުގެ ރޯދަމަހުވެސް 10 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމުންވެސް ބިލުތައް ބޮޑުވި ޝަކުވާ ފެންމަތިވިއެވެ. އެފަހަރު ސްޓެލްކޯއިން ބުނީ އެއީ ހޫނު މޫސުމާ ދިމާވެ ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވުމުންވީ ގޮތެއް ކަމަށެވެ. ނަމަވެސް، މިފަހަރު ރައްޔިތުންގެ ކަންބޮޑުވުމަކީ، ސަރުކާރުން "ލުއި" ދޭ ކަމަށް ބުނެފައި، އެ ލުއި ދިން ބައި އަނބުރާ އަތުލުމަށް ބިލުތައް ބޮޑުކުރާ ކަމަށް ކުރެވޭ ތުހުމަތެވެ.

ކަރަންޓުގެ ޚިދުމަތަކީ ސަރުކާރުން ބޮޑު ސަބްސިޑީއެއް ދީގެން ފޯރުކޮށްދޭ ޚިދުމަތަކަށް ވާއިރު، ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ލުއި ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެންނަމަވެސް، އެއް އަތުން ލުޔެއް ދީފައި އަނެއް އަތުން ބޮޑު ބިލެއް ދިނުމަކީ، ނުވަތަ ބޮޑުވި ބިލުގެ ވާހަކަ އޮއްބާލަން ޖޫރިމަނާ މައާފުކުރުން ފަދަ ކަންކަން ކުރިއަށް ނެރުމަކީ "ދެބޯގެރި" ދުއްވުން ނޫން ދެން ކޮން ކަމެއްތޯއެވެ؟



ކިޔުންތެރިންގެ ހިޔާލު