މަރުވި ޒުވާނާގެ އާއިލާ މީހެއް
މަރުވި ޒުވާނާގެ އާއިލާ މީހެއް
އިންޑިއާގެ ވެރިރަށް ދިއްލީގެ ހުޅަނގު އުތުރު ސަރަހައްދެއް ކަމަށްވާ ޖަހަންގީރްޕޫރީ ފުލުހުންގެ މަރުކަޒެއްގެ ތެރޭގައި، އުމުރުން 34 އަހަރުގެ މުސްލިމް ފިރިހެނަކު މަރުވުމާ ގުޅިގެން އެ ސަރަހައްދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ.

ބަލްސްވާ ޑެއިރީގައި ދިރިއުޅޭ އަދި އާޒާދުޕޫރު ސަބްޒީ މަންޑީގައި މަސައްކަތްކުރާ އަނީޝް މަރުވީ ފުލުހުންގެ އަނިޔާތަކުގެ ސަބަބުން ކަމަށް އޭނާގެ އާއިލާއިން ދަނީ ތުހުމަތު ކުރަމުންނެވެ.

އާއިލާގެ މެންބަރުން ބުނާ ގޮތުގައި، އަނީޝް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފަތިހުގެ ވަގުތެއްގައި މަސައްކަތަށް ދަނިކޮށް، އޭނާގެ އަތުގައި މަންޑީން ތަކެތި ގަތުމަށް ގެންގުޅުނު ފައިސާތަކެއް ވެސް ހުއްޓައެވެ.

އަނީޝްގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި އޭނާ ފުލުހުންގެ މަރުކަޒަށް ގެންދިއުމަށްފަހު ގިނަ ގަޑިއިރުތަކެއް ވަންދެން ރަހުމުކުޑަ އަނިޔާތަކެއް ވަނީ ކޮށްފައެވެ. އާއިލާގެ މެންބަރަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ފަތިހުން ފެށިގެން ހެނދުނު 9 ނުވަތަ 10 ޖަހަންދެން ފުލުހުން އޭނާއަށް އަނިޔާކުރި ކަމަށާއި، އޭނާ މަރުވީ އެ އަނިޔާތަކަށް ކެތްނުކުރެވިގެން ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ޖަހަންގީރްޕޫރީ ފުލުހުންގެ މަރުކަޒު ދޮށަށް އެއްވި އާއިލާގެ މެންބަރުންނާއި ގާތްތިމާގެ މީހުން ދަނީ އިންސާފަށް ގޮވާލައި، މިކަމުގައި ބައިވެރިވި ފުލުހުންނަށް ހަރުކަށި އަދަބު ދިނުމަށް ޑިމާންޑް ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން އަނީޝްގެ މަންމަ ރޮމުން ބުނެފައިވަނީ، އޭނާގެ ދަރިފުޅު ގެއިން ނުކުތްއިރު ހުރީ ވަރަށް ގަދަވެ ސަލާމަތުން ކަމަށާއި، ފުލުހުން އޭނާ ތަޅާ މަރާލީ ކަމަށެވެ.

ފުލުހުންގެ އިހުމާލާއި އަނިޔާވެރިކަމާ ދެކޮޅަށް އާންމުންގެ ނުރުހުން އަމާޒުވެފައިވާއިރު، މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރެވެމުންނެވެ. ނަމަވެސް، މިހާތަނަށް ފުލުހުންގެ ފަރާތުން މިކަމާ ގުޅޭގޮތުން ރަސްމީ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް