ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 20,000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާކަމަށް ހޯމް މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މުއްޠަލިބް ވިދާޅުވީ، ގޯއްޗާއި ފްލެޓަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

އެގޮތުން މިހާތަނަށް ސިސްޓަމް މެދުވެރިކޮށް 20,000 ފޯމު ފުރިހަމަކޮށް ހުށަހަޅާފައިވާއިރު، އިތުރު 16,000 ފޯމު ޑްރާފްޓް މަރުހަލާގައި ނުވަތަ ފުރިހަމަކުރުމުގެ މަރުހަލާގައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި އަދަދުތަކަށް ބަލާއިރު، ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު ޖުމްލަ 36,000 އެއްހާ ފޯމު ލިބޭނެ ކަމަށް ސަރުކާރުން މިހާރު އަންދާޒާކުރެއެވެ.

ސަރުކާރުން "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތު އިޢުލާނު ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި މި ސިޔާސަތުގެ ދަށުން 15,000 ގޯއްޗާއި 7,900 ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ.

މި މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ދިރިއުޅުމުގެ އެކި ޙާލަތްތަކަށް ރިޢާޔަތްކޮށް، ތަފާތު ކެޓަގަރީތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ އިތުރުން، ޚާއްޞަ ކެޓަގަރީތަކަކަށް ބަހާލައިގެން 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، މިހާރު އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ދަށުން ދެ ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ދެ ޖިންސުގެ ދަރިން ތިބޭ ޢާއިލާތަކަށް ތިން ކޮޓަރީގެ ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައެވެ. ގޯތި ދޫކުރުމުގެ ސިޔާސަތުގެ ދަށުން، މާލޭގައި މައިމުޅަވެފައިވާ މީހުންނާއި، ހަނި ގޯޅިތަކުގައި ހުރި ކުދި ގޯތިތައް ދޫކޮށްލާ ފަރާތްތަކަށް ޚާއްޞަކޮށްގެން 1,500 ގޯތި ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު