އިމިގްރޭޝަން
އިމިގްރޭޝަން
ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ދަށުން، ހުޅުމާލޭ ފޭސް 2 އިން 19 ބިދޭސީއަކު ބަލައި ފާސްކޮށް، އޭގެ ތެރެއިން 8 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، މިއީ މާލެ އާއި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން ހިންގުނު ހަރަކާތެއް ކަމަށެވެ. މި އޮޕަރޭޝަންތަކުގައި ބަންދުކުރެވޭ ފަރާތްތަކަކީ ރާއްޖޭގައި އުޅުމުގެ ސައްހަ ލިޔެކިޔުން ނެތް މީހުން ކަމަށްވާތީ، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ އިދާރީ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައެވެ. މިގޮތުން، މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ. ހާއްސަކޮށް ބިދޭސީން ދިރިއުޅޭ ތަންތަނާއި، ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކުރުން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.

އިމިގްރޭޝަނުން ބުނީ، "އޯޕަން ވިޒާ"ގެ ނަމުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ "ކުރަނގި" އޮޕަރޭޝަންގެ ދަށުން މިހާތަނަށް 202،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ.

މި ސަރުކާރުގެ މި ފިޔަވަޅުތަކާއެކު، ގަވާއިދާ ހިލާފަށް އުޅުނު 9،697 އަށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ވަނީ ރާއްޖެއިން ޑީޕޯޓުކޮށްފައެވެ. މިއީ ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ހުއްޓުވުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު