އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފަންވާނީ ޒިންމާދާރުކަމާއެކު، އަޚްލާޤީ އިމުގެ ތެރޭގައި ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ޑރ. ޝަހީމް ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިންނަށް މިއަދު ބޮޑު މިނިވަންކަމެއް ލިބިފައިވާ ކަމަށާއި، އެ މިނިވަންކަން ރައްކާތެރިކޮށް އިތުރަށް ހަރުދަނާކުރަންޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގައި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުރިހަމައަށް އޮންނަ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

ނަމަވެސް، މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، މީހުންގެ އަބުރަށް އަރައިގަތުމާއި، ޒާތީގޮތުން ދިމާކުރުމާއި، ދޮގު މަޢުލޫމާތު ފެތުރުމަކީ މުޖުތަމަޢަށާއި ފަރުދުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއްކަން ވަޒީރު ފާހަގަ ކުރެއްވިއެވެ. އަދި ކޮރަޕްޝަނާއި، ބޭއިންސާފާއި، ނޭދެވޭ ކަންކަން އިޞްލާޙު ކުރުމުގައި ނޫސްވެރިކަމަކީ މުހިންމު ދައުރެއް އަދާކުރާ ބާރެއް ނަމަވެސް، އެކަން ކުރަންވާނީ ފަންނީ އަދި އަޚްލާޤީ މިންގަނޑުތަކުގެ ތެރެއިން ކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ވަޒީރުވަނީ، ފަހަކަށް އައިސް ބައެއް މީޑިއާތަކާއި މީސްމީޑިއާގެ މަންސަތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުންނާއި، ސަރުކާރުގެ އިސްވެރިންނަށް އަމާޒުކޮށް، މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ މިންވަރަށް ހަމަލާދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާއި ކަންކަމަށް ފާޑުކީ ނަމަވެސް، ޒާތީ ގޮތުން ދިމާކުރުމާއި އަބުރަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

އޭގެ އިތުރުން، މީހުންގެ އަބުރަށް އަރައިގަތުމާއި، ދޮގު މަޢުލޫމާތު ފެތުރުމާއި، ހުތުރު ބަހުން މުޢާމަލާތު ކުރުމަކީ އިސްލާމީ ތަޢުލީމުގައި ނަހީކުރައްވާފައިވާ ކަންކަން ކަމަށާއި، އިންސާނާގެ ކަރާމާތާއި އަބުރު ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތުގެ މުހިންމު މަޤްޞަދެއްކަން ވަޒީރު ހާމަކުރެއްވިއެވެ. އަދި އަޚްލާޤީ މިންގަނޑުތަކަށް ބޯލަނބާ ޒިންމާދާރު ނޫސްވެރިކަމަކީ އިޖުތިމާޢީ ހަމަޖެހުމާއި ޤައުމީ ސަލާމަތަށް މަގުފަހިކޮށްދޭ، ދައުލަތުގެ ފެންވަރުގައި ބަލައިގަނެ ރައްކާތެރިކަން ދޭންޖެހޭ ޤައުމީ އަގުހުރި މަސައްކަތެއްކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ފާހަގަކުރަށްވަމުން ވަޒީރު ވިދާޅުވީ، ރައީސް މުޢިއްޒު ގަވާއިދުން ނޫސްވެރިންނާ ބައްދަލު ކުރަށްވައި ސުވާލުތަކަށް ސީދާ ޖަވާބު ދެއްވާ ކަމަށާއި، ވަޒީރުންގެ ފަރާތުންވެސް ހާމަކަން ބޮޑު ގޮތެއްގައި މަޢުލޫމާތު ދިނުމަށް އެމަނިކުފާނު އަބަދުވެސް ބާރުއަޅުއްވާ ކަމަށެވެ. އަދި ޒިންމާދާރު ނޫސްވެރިންގެ އަގު ވަޒަންކުރުމަށް ގޮވާލައްވައި، މުޖުތަމަޢަށް ފައިދާހުރި، ބިނާކުރަނިވި ފާޑުކިޔުންތަކާއި ތެދުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ނޫސްވެރިކަމުގެ އުޞޫލުތައް ކުރިއެރުވުމަށް ޑރ، ޝަހީމް ވަނީ އިލްތިމާސް ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު